އިންކުއަރީއަށް ޙާޒިރުކުރާ މުވައްޒަފުންނަށް ފިޔަވަޅު ނޭޅުމަށް 241 ކޮމިޓީން އިލްތިމާސްކޮށްފި

އިންކުއަރީއަށް ޙާޒިރުކުރާ މުވައްޒަފުންނަށް ފިޔަވަޅު ނޭޅުމަށް 241 ކޮމިޓީން އިލްތިމާސްކޮށްފި

Author
މުޙައްމަދު ޖިމީ
24 މެއި 2021 06:07
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއައި ގުޅިގެން ހަދަމުންދާ އިންކުއަރީއަށް ހާޒިރުކުރާ އެއްވެސް މުވައްޒަފަކަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241)ން އިލްތިމާސްކޮށްފިއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތުގެ ކޮމިޓިން މިހެން ބުނެފައިވާއިރު، ބައެއް އިދާރާތަކުން މަޢުލޫމާތު ހިފަހައްޓާކަމުގެ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ބުނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް ޙާޒިރުކުރާ ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި، އެމްއެންޑީއެފްގެ މުވައްޒަފުންނާއި، އެހެންވެސް ދައުލަތުގެ މުވައްޒަފަކު އިންކުއަރީއަށް ދޭ މައުލޫމާތަކާއި ގުޅިގެން އެފަރާތެއް އަދާކުރާ ވަޒީފާއަށް އަސަރުކުރާފަދަ އެއްވެސް ފިޔަވަޅެއް އެއްވެސް އިދާރާއަކުން ނޭޅުއްވުމަށް އިލްތިމާސްކުރާކަމަަށެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން މިހެން ބުނެފައިވާއިރު، އެ ކޮމިޓީގެ މުގައްރިރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވީ، ތަހުގީގަށް އެއްވެސް ފަރާތަކުން ހުރަސް އަޅާކަމުގެ މަޢުލޫމާތު އަދި ލިބިފައި ނުވާކަމަށެވެ.

އަސްލަމް ވިދާޅުވީ، އެ ކޮމިޓިން ހިންގާ އިންކުއަރީއާއި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި ސުވާލުކުރާނެކަމަށެވެ. ނަމަވެސް  ކޮމިޓިން އެފަރާތްތަކާއި ސުވާލުކުރާނީ ހުރިހާ ކަމެއް ދިރާސާކޮށް ނިމުމުންކަމަށާއި، ކޮމިޓިން ހަދަމުން އަންނަ އިންކުއަރީގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެންސީޓީސީގެ ދައުރު ބަލަމުން އަންނަކަމަށާއި، ބައެއް ފަރާތްތަކުން މަޢޫލޫމާތު ހިފަހައްތާންޖެހޭ މިންގަނޑާއި، އެއް މުއައްސަސާއާއި އަނެއް މުއައްސަސާއާއި މަޢޫލޫމާތު ހިއްސާކުރަ މިންވަރުވެސް ކޮމިޓީން ބަލާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާލުވީ،  މި މައްސަލާގައ ހައްޔަރުކުރި މީހުންނާއި، ތަހުގީގް ހިންގާ ބައެއް ފަރާތްތައް ކޯވީޑަށް ޕޮޒިޓިވްވުމަކީ ތަހުގީގް ކުރިއަށް ގެންދިއުމަށް އޮތް ގޮންޖެހުމެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ހުރިހާ އެންމެންވެސް ގުޅެނީ ހަރުކަށި ފިކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.