ޙައްޖަށް ގެންދިޔުމަށް ކޯޓާ ރާއްޖެއަށް ލިބިއްޖެނަމަ އިސްކަންދޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މިހާތަނަށް ސަޢުދީ އަރަބިއްޔާއިން ޙައްޖާ ގުޅޭ އެއްވެސް ރަސްމީ ކަމެއް ނާންގާ ކަމަށެވެ. ރާއްޖެއަށް ކޯޓާ ލިބިއްޖެނަމަ ލިބުނު ވަރަކަށް މީހުން ޙައްޖަށް ފޮނުވާނެކަމަށާއި، ކޯޓާ ލިބޭ ހިސާބުން ފެށިގެން ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާން ބޭނުންވާ އެތައްބަޔަކު ތިބިކަން މިނިސްޓަރ ފާޙަގަކުރެއްވިއެވެ.
އިސްލާމިކް މިިިނސްޓަރ ވިދާޅުވީ މިފަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ އިސްކަންދޭނީ ކޯވިޑްގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށްކަމަށެވެ.
އިސްލާމިކް މިނިސްޓަރ މިހެން ވިދާލުވެފައިވާއިރު، ސައުދީ ސަރުކާރުންވެސް ވަނީ ހައްޖަށައ ޢުމްރާއަށް ފުރުޞަތު ދެއްވާނީ ވެކްސިން ދެޑޯޒް ޖަހާފައިވާ މީހުންނަށްކަމަށް ބުނެފައެވެ.
ރާއްޖޭގެ ހައްޖުގެ ކަންކަން އިންތިޒާމް ކުރުމާއި ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ، ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުއްދަ ލިބެންވާއިރަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. އަދި މިހާރުވެސް ހައްޖަށް ދާން ބޭނުންވެގެން 2500 އެއްހާ މީހުން ފައިސާގެ 75 އިންސައްތަ ދައްކާފައިވާކަމަށެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި 1000 ކޯޓާ ލިބެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ކޯވިޑްގެ ސަބަބުން ރާއްޖެއިން އެއްވެސް ބަޔަކު ހައްޖަކަށް ގޮސްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ