އިނގިރޭސި ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައިވި ފަހު ދެ ޓީމަކަށް ލިވަޕޫލް އާއި ޗެލްސީ ވެގެންދިޔައިރު، ފަހު ވަގުތު ލެސްޓާ ގަދަ ހަތަރަކުން ވެއްޓި އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެއެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހު ހަފްތާގެ މެޗުތައް މިރޭ ކުޅުނުއިރު، ލިވަޕޫލް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 0-2 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައި، ލީގުގެ ތިންވަނަ ހޯދައިގެންނެވެ. ލިވަޕޫލްއަށް 3 ވަނަ ލިބުނީ 38 މެޗުން ލިބުނު 69 ޕޮއިންޓާއެކުއެވެ. މި މެޗުގައި ލިވަޕޫލް ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ.
ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި އެސްޓަން ވީލާ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޓަން ވިލާއެވެ. ނަމަވެސް ޗެލްސީ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ޓޮޓެންހަމް އަތުން ލެސްޓާ ސިޓީ ބަލިވުމުންނެވެ. ލީގު ނިމުން އިރު ޗެލްސީ އޮތީ 38 މެޗުން ލިބުނު 67 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. އެސްޓަން ވިލާ އާއި ޗެލްސީ ބައްދަލުކުރި މެޗުގައި ވިލާއިން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޓަރޯރެ އާއި އަންވަރް އެލް-ގާޒީއެވެ. ޗެލްސީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބެން ޗިލްވެލްއެވެ.
ލެސްޓާ ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރި ފޯރިގަދަ މެޗު ޓޮޓެންހަމް ކާމިޔާބުކުރީ ފަހަތުން އަރައި 2-4 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން ގަދަ ހަތަރެއްގައި އޮތް ލެސްޓާ ވަނީ ފަސްވަނައަށް ވެއްޓި އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިފައެވެ. އަދި މި މެޗު ކާމިޔާބުކޮށް 7 ވަނައަށް ކުރިޔަށް ޖެހި ޓޮޓެންހަމް ވަނީ އަންނަ ސީޒަނުގައި އަލަށް ފަށާ ޔުއެފާ ކޮންފަރެންސް ލީގުން ޖާގަ ހޯދާފައެވެ.
ލެސްޓާ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި ލެސްޓާއިން ޖެހި 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ލިބުނު 2 ޕެނަލްޓީން ޖެމީ ވާޑީއެވެ. ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ހެރީ ކޭން، އަދި ގެރެތް ބޭލްއެވެ. ޓޮޓެންހަމްގެ ދެވަނަ ލަނޑަކީ ލެސްޓާގެ ކީޕަރ އަތުން ބައިކޮޅަށް ވަން ލަނޑެކެއެވެ.
މީގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވްސް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިިޔާބުކުރީ ޔުނައިޓެޑްއެވެ. އަދި ޗެމްޕިއަން މެންޗެސްޓާރ ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗު 0-5 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ސިޓީއެވެ.