ވިލާ އަތުން ބަލިވެ ޓޮޓެންހަމަށް އަމިއްލަ ބާރު ގެއްލިއްޖެ

ވިލާ އަތުން ބަލިވެ ޓޮޓެންހަމަށް އަމިއްލަ ބާރު ގެއްލިއްޖެ

Author
ޔޫސުފް
20 މެއި 2021 12:18
0

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އެސްޓަން ވިލާ އަތުން ބަލިވެ އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުން ޖާގައެއް ހޯދުމަށް ކުރާ މަސައްކަތުން އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ލީގުގައި މިރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު ވިލާއިން ކާމިޔާބުކުރީ، 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމުންނެވެ. މި ލަނޑު މެޗުގެ 8 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ސްޓީވަން ބާވިންއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މިއީ މެޗުގެ 20 ވަނަ މިނެޓުގައި ސާޖިއޯ ރެގިއުލޮން އަތުން ވަން ލަނޑެކެވެ. އެސްޓަން ވިލާއިން މި މެޗުގައި ލީޑު ނެގީ 39 ވަނަ މިނެޓުގައި ވަޓްކިންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުން ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ގެއްލުނު ޓޮޓެންހަމް މިހާރު އޮތީ ލީގުގައި ކުޅުނު 37 މެޗުން ލިބުނު 59 ޕޮއިންޓާއެކު 6 ވަނައިގައެވެ. އަދި ޓޮޓެންހަމަށްވުރެއް އެއް މެޗު މަދުން ކުޅެގެން 7 ވަނައިގައި އޮތް ވެސްޓް ހޭމް އަށްވެސް ލިބެނީ 59 ޕޮއިންޓްއެވެ. މި މެޗުން މޮޅުވި އެސްޓަން ވިލާ އޮތީ 37 މެޗުން ހޯދި 52 ޕޮއިންޓާއެކު 11 ވަނައިގައެވެ.

މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަންޓަން އިން ވަނީ ވުލްވްސް ބަލިކޮށްފައެވެ. މި މެޗު އެވަޓަން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ކާމިޔާބުކުރުމާއެކު 37 މެޗުން ލިބުނު 59 ޕޮއިންޓާއެކު އެވަޓަން އޮތީ 8 ވަނައިގައެވެ. މި މެޗު ކާމިޔާބުކުރުމާއެކު އެވަޓަންއަށް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.