ނަފުރަތުގެ ޢަމަލު ކުށަކަށް ހެދޭނީ ޤާނޫނު އަސާސީގެ، އަސާސީ ހައްޤުތަކަށް ހުރަސްނޭޅޭގޮތަށް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، މިބިލާއި މެދު ގިނަބައެއްގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ. ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި، މަޖިލިސް މެމްބަރުންނާއި، އާންމު ރައްޔިތުންވެސް ދަނީ މިބިލާއިމެދު ޝުޢޫރު ފާޅު ކުރަމުންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނީ ބާރުވެރިކަން ދީގެން މިފަދަ ބިލެއް ވުޖޫދަށް ގެންނައިރު، ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަކަށް ބިލެއް އެކުލަވާލެވިގެން ނުވާނެކަމަށެވެ.
ތިޔަ ބިލަކީ އެއްވެސް ޙާލެއްގައި އިސްލާމީ ޝަރީޢަތުގެ ޢާންމު މަބްދައެއް ކަމަށްވާ "الأمر بالمعروف والنهي عن المنكر " ގެ މަބްދައާއި، ޤާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޙައްޤުތަކަށް ހުރަސްއަޅާ ބިލަކަށް ވެގެން ނުވާނެ.
– ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނެފައިވަނީ ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭކަމަށެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެކަމަށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނުގައި މިފަދަ ސާފުބަހުން ހައްގުތަކެއް ލިބިދީފައިވާއިރު، އެހައްގުތައް ހަނިވާގޮތަށް އިތުރު ޤާނޫނެއް ހަދަންވާނީ އެކަން ބަލާނެ މިންގަނޑާއި، އުސޫލުތައް ޤާނޫނު އަސާސީއާއި ތަޤާރަޒު ނުވާ ގޮތަކަށް ކަމަށެވެ.
“ނަފްރަތުގެ ޢަމަލު“ ހިންގުމަކީ ކޮބައިކަން އެއްވެސް އޮޅުމެއް ނާރާގޮތަށް ޤާނޫނުގައި ބަޔާންކުރެވިގެން މެނުވީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާ ޚިލާފު ނުވާނޭ ގޮތަކަށް ތިޔަ ބިލު ޤާނޫނަކަށްވެ ތަޠްބީޤު ކުރުން މުސްތަޙީލުވާނެ ނަފްރަތުގެ ޚިޠާބު” ނުވަތަ “ހޭޓް ސްޕީޗް” ތަޖްރީމުކުރެވޭނީ “މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޢަޙްދު” ގެ 20/2 ގައި ވާގޮތަށް އެ ޚިޠާބަކީ “ތަޙްރީޞީ” (inflammatory) ޚިޠާބަކަށް ވާނަމަ، އަދި އެކަން ބަލަންޖެހޭނީ މައުޟޫޢީ މިންގަޑަކުން.
– ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޚާއްސަ ބިލެއް އެކުލަވާލާފައިވަނީ ސޯޝަލް މީޑިޔާގައާއި، ތަފާތުއެކި ޕްލެޓްފޯމްތަކުގައި ނަފްރަތުއުފެދޭ ވާހަތައް ދެއްކުމުގެ ސަބަނުން ވަކިވަކި ފަރުދުންގެ ސަލާމަތަށް ނުރައްކާވުމާއި، އާންމު މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާގޮތަށް މުޖުތަމައުގައި އެކިހާދިސާތައް ހިނގަމުންދާތީއެވެ. ސަލާމަތީ ބާރުތަކުންވެސް ވަނީ މުޖުތަމައުގެ ސަލާމަތަށާއި، އާންމު ފަރުދުންގެ ސަލާމަތަށް ނުރައްކާވާގޮތަށް ވާހަކަދައްކައި، އެފަދަ އަމަލު ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ