ކޯވިޑް-19 އަށް ރާއްޖެއިން ފަރުވާދެމުންދިޔަ މީހަކު ނިޔާވެ، މިއަދު ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.
މިއަދު އެންމެ ފަހުން ނިޔާވެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެެކެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިމީހާގެ މަރާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދުވަނީ 101 އަށް އަރާފައެވެ.
ރޭ 12ގެ ފަހުން ފުރަތަމަ ނިޔާވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ފިރިހެނެކެވެ. އޭގެ ފަހުން ރޭ ފަތިހު ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. ކޯވިޑް ބަލީގައި އިއްޔެވެސް ރާއްޖެއިން ވަނީ 3 މީހަކު ނިޔާވެފައެވެ. މިިދޔަ ހުކުރު ދުވަހުއެކަނިވެސް މި ބަލީގައި ރާއްޖެއިން 5 މީހަކުވަނީ ނިޔާވެފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 100 މީހުން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 13 ބިދޭސީންނެވެ. މި ބަލީގައި އިއްޔެ ވަނީ 30 އަހަރުގެ ޒުވާނެއްވެސް ނިޔާވެފައެވެ. މީ މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ.
ރާއްޖޭގައި ކޯވިޑް ބަލީގައި އެންމެ ފުރަތަމަ މީހަކު ނިޔާވީ މިިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 29 ވަނަދުވަހުއެވެ. އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނިޔާވީ ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗަށް ގެންދިޔަތާ މާގިނައިރު ތަކެއް ނުވަނީސްއެވެ. އާމިނަތު އާދަމް ނިޔާވީ ކޯވިޑަށް ޕިޒިޓިވްވި ކަން އެންގި ފަރުވާ ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރުމިވަނީ 44،523 އަރާފައެވެ. މިވަގުތު ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 16 ހާހާއި ގާތްކުރާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 260 ވުރެ މައްޗަށް އަރާފައެވެ. ކޯވިޑަށް ޓެސްޓްކުރާ ކޮންމެ 5 މީހަކު އެކަކު އަންނަނީ މި ބައްޔަށް ހުށައެޅެމުންނެވެ.
ކޮމެންޓު ފޮނުވާ