އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ވަގުތުން ހުއްޓާލައި، އެއަނިޔާވެރި ހަރުކަށި އަމަކުތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރައްވައިފިއެވެ.
ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލްގެ ލާއިންސާނީ އަނިޔާތަކަކީ ބަލައި ގަނެވޭނެ އަމަލުތަކެއް ނޫންކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، މުދަލާއި ފުރާނައަށް ގެއްލުންދީ، އަދި، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މިސްކިތުގައި އަޅުކަމުގައި ތިބި ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ޚިލާފު، މެދުއިރުމަތީގެ ސުލްހަވެރިކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށްވެސް އަސަރުކުރާނެ ޢަމަލެއްކަމަށް މަޖިލީހުން ވިދާޅުވެފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކުގައި ކަމަށާއި، އަދި ފަލަސްތީނުގެ ރައްޔިތުންނަށް މަދަދުވެރިވުންމަތީގައި ދެމި އޮންނާނެކަމަށް މަޖިލީހުން ވަނި ޔަގީންކަން ދެއްވާފައެވެ. ފަލަސްތީނަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ދައުލަތުގެ އެކި މުއައްސަސާތަކުން ދަނީ ކުށްވެރިކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ