ފަހު ވަގުތު އެލިސަން ޖެހި ގޯލުން ލިވަޕޫލަށް މުހިއްމު މޮޅެއް

ފަހު ވަގުތު އެލިސަން ޖެހި ގޯލުން ލިވަޕޫލަށް މުހިއްމު މޮޅެއް

Author
ޔޫސުފް
16 މެއި 2021 11:42
0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ބްރޮމް ކޮޅަށް ފަހު ވަގުތު ކީޕަރ އެލިސަން ބެކާ ޖެހި ގޯލުން މޮޅުވެ ލިވަޕޫލުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ވެސްޓް ބްރޮމް އާއި ލިވަޕޫލް ވާދަކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރީ، 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސްޓް ބްރޮމް އިންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ފޯވާޑް ހަލް ރޮބްސަން-ކާނޫ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 33 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ. އަދި އޭގެ ފަހުން ފިރިމީނޯ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 70 ވަނަ މިނެޓުގައި ވެސްޓް ބްރޮމް އިން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ކީޕަރު އެލިސަން އަށް ވެސްޓް ބްރޮމްގެ މެޓް ފިލިޕްސް ހުރަސް އެޅި ކަމަށް ބަލައިި، (ވީއޭއާރް) ބެލުމަށް ފަހު ރެފްރީ ނިންމީ މި ލަނޑު ބަލައިނުގަތުމަށެވެ. މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން މޮޅުވާން ވަރަށް މަސައްކަތްކޮށްފައެވެ. 1-1 އިން އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް އެންމެ ފަހު މިނެޓުގައި ލިވަޕޫލަށް ލިބުނު ކޯނަރަކުން ލަނޑު ޖަހައި ލިވަޕޫލުން ވަނީ މުހިއްމު 3 ޕޮއިންޓް ކަށަވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބަޓްސަން ނަގައިދިން ކޯނަރަކުން އެލިސަން ބެކާއެވެ. މި ލަނޑު ވަނުމާއެކު ލިވަޕޫލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މިއީ ލިވަޕޫލްގެ ތާރީހުގައި މެޗެއްގައި ކީޕަރަކު ލަނޑެއް ޖެހި ފުރަތަމަ ފަހަރުވެސް މެއެވެ.

މި ނަތީޖާއާއެކު  ލިވަޕޫލް ވަނީ ގަދަ ހަތަރަކާ ޕޮއިންޓަކަށް ގާތަށް ޖެހިލާފައެވެ. ލިވަޕޫލް ފަސް ވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ޗެލްސީ އޮތީ 36 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ލެސްޓާ ސިޓީ ތިން ވަނައިގައި އޮތީ 36 މެޗުން 66 ޕޮއިންޓާ އެކު އެވެ. އަންގާރަ ދުވަހުގެރޭ ޗެލްސީ ދަނޑުގައި ބައްދަލުކުރާނީ ލެސްޓާ ސިޓީއާއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.