ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ މުހައްމަދު ހަބީބް މަގާމުން ވަކިކޮށްފިއެވެ.
އެންޑީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އައްޔަންކުރި ހަބީބް މިއަދު މަގާމުން ވަކިކުރީ އޭނާގެ ޕްރޮބޭޝަން މުއްދަތުގައި ކުރެވުނު މަސައްކަތްތަކާ މެދު އެންޑީއޭގެ ބޯޑުން ހިތްހަމަނުޖެހޭތީއެވެ. އޭނާ ވަކިކުރައްވާފައިވަނީ ޕްރޮބޭޝަންގެ މުއްދަތުގައި ހަބީބު ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސީއީއޯއެއް ހަމަޖެހެންދެން އެ އެޖެންސީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެންޑީއޭގެ ޒިންމާދުވެރިޔާ އައިޝަތު ވަހީދާއަށެވެ. ސީއީއޯގެ މަގާމުން ހަބީބު ވަކިކުރިއިރު، މި މަހުގެ ފަސް ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އެންޑީއޭގެ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެންޑީއޭ އުފައްދާފައިވީ ނަމަވެސް އެތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ އެންޑީއޭގެ މައްސަލަތަކެއް ބަލަމުންނެވެ.
އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ