ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރު މަގުގައި ސައިކަލް ޕާކް ނުކުރެވޭ ގޮތް ހަދަން އެދި މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ފޮނުވި ސިޓީ ސީދާ އޭނާގެ އަތްޕުޅަށް ނުލިބޭ ކަމަށް ވިދާޅުވެ މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކަތަކަށް މާލެ ސިޓީ ކައުންސިލުން ރައްދު ދެއްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ނީލޯފަރު ހިނގުން، ވެހިކަލް ޕާރކުނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ، ޕާކިން ޖާގަ ހެދުމަށްޓަކައި ގ.ބިއްލޫރިޖެހިގެ ނުވަތަ އެ ސަރަހައްދުން ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން ސަރުކާރަށް ލިބުނު ފޭދޫކޮށި (ބްލޮކް 139 )މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މާލެ ސިޓީ ކައުންސިލްއާއި ޙަވާލުކޮށްފައި ނުވާތީ އާއި އެކަމުގައި އެ މިނިސްޓްރީއިން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައިނުވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެ ކޮޅުކަމުގައިވާ، ގ.ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމަކީ ހަނިގޯޅިއަކަށްވެފައި އެ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާތީ، އެ މަގަކީ ވެހިކަލް ޕާކުނުކުރެވޭ މަގަކަށް ހެދުމަށް މިނިސްޓްރީ އޮފް ޑިފެންސުން އެންގުމާއި ގުޅިގެން ހައުސިން މިނިސްޓްރީއަށް ސިޓީ އަކުން އެކަން ދަންވާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން މިނިސްޓްރީ އޮފް ޑިފެންސް ގެ އެދިވަޑައިގަތުމާއިއެކު، ނީލޯ ފަރު ހިނގުމުގައި ހުރި ޕާކިން ޒޯން ނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންފަށައި، އެ ޕާކިން ޒޯން ނެގެން އޮތީ އެ ޕާކިން ޒޯނުގެ ބަދަލުގައި އެހެން ޕާކިން ޒޯނެއް އެ ސަރަހައްދުން ހަމަޖައްސައިގެންކަމަށްވާތީ، އެ ސަރަހައްދުގައި އެންމެ ފަސޭހައިން ޕާކިން ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރި ޖެހި ގެއިންކަމަށް ފެނުނުހިނދު، އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ގޯތި ދިނުމަށް އެދި 23 މާރޗް 2011 ގައި މި އިދާރާގެ ނަންބަރު: 471/2021/57/CB-425 ސިޓީއިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި އެދިފައިވާކަމަށެވެ. އަދި ހަމަ މިސިޓީ މާލެ ސިޓީގެ މޭޔަރ ގެ ފޯނުން ވަޓްސްއަޕް މެދުވެރިކޮށް މިނިސްޓަރ އަސްލަމަށް ފޮނުވާފައިވާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިމައްސަލާގައި އަސްލަމް ވިދާޅުވެފައިވަނީ މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ ސީދާ މިނިސްޓަރުގެ އަތްޕުޅަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ