ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެެއްވާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީފުޅުގައި ވިދާޅުވީ، މިނިސްޓަރ މަގާމުން ދުރުކުރުމަށް، "ވާންކުރާ" ކުރުމަކީ، ކޮންމެހެން މިނިސްޓަރ އަމީނަށް އަމާޒުވާ "އެތިފަހަރެއް" ކަމަކަށް ނުދެކޭ ކަމަށެވެ. ރާއްޖެއަކީ ސިޔާސީގޮތުން ހަލަބޮލި އަދި ވާދަވެރިކަންވެސް ބޮޑު ޤައުމެއް ކަމަށާއި ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޤައުމަށް ލިބެންޖެހޭ ހަގީގީ ކުރިއެރުމަށް އެތައް ހުރަސްތަކެއް ކުރިމަތިވާ ކަމަށް އަމީންގެ އިސްތިއުފާގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ އުއްމީދު ގުޅިފައިވަނީ އަންނަން އޮތް އެތައް ޖީލަކާ ކަމަށް ވީނަމަވެސް، މިކަމަށް ހުރަސްއަޅައި އުންމީދު ނެތިކޮށްލާ، ރައީސުލްޖުމްހޫރިއްޔާ ބަލިކަށި ކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވާކަމަށް އަމީންވަނީ ވިދާޅުވެފައެވެ.
"ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ހިނގާ"
– އަމީން
އަދި މިހާރު ކުރިމަތިވެފައި މިވާ ހާލަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ކުރެވުނު މަޝްވަރާއިން ޙާލަތު ރަނގަޅަށް ވަޒަންކުރެވުނު ކަމަށް މިނިސްޓަރގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އެހެންކަމުން މި ޙާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުންކަމަށް ގަބޫލުކުރެވޭތީ، މިއަދުން ފެށިގެން މިނިސްޓަރ އޮފް ހެލްތުގެ މަގާމުން އިސްތިއުފާ ދީފައި ވާކަމަށް އަމީން ވިދާޅުވިއެވެ.
އަމީންގެ ސިޓީގައި، ސިއްޚީދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ ޚިދުމަތާއި، ރާއްޖެއަށް ހެޔޮ ބަދަލު ގެންނެވުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
"އަތޮޅުތެރޭގެ ރައްޔިތުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދަކުން ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށިފައިވާ މަސައްކަތަށާއި ޚިދުމަތް ލާމަރުކަޒީ ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބެމުންދާ ކުރިއެރުން ފާހަގަކުރަން. ހަމަ އެހެންމެ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތްތަކެއް ކަމުގައި ދެކެން. މިނިސްޓްރީ އޮފް ހެލްތުގެ އެންމެހާ މުއައްޒަފުންނާއި އެންމެހާ ސިއްހީ ޚިދުމަތްތެރިން ކުރައްވަމުންގެންދަވާ ބުރަމަސްކަތަށް ތާއަބަދު ޝުކުރު ހައްގުމަކުގެ ގައި ދެކެން. ކޮވިޑާއިއެކު ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ"
– އަމީން
ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބަލައި އޭސީސީން އެ މައްސަލަ ބަލަން ފެށުމާއި އެކު ތަޙްޤީޤަށް ޖާގަ ދިނުމުގެ ގޮތުން ޙެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ، ތަޙްޤީޤު ނިމެންދެން އަމިއްލަފުޅަށް މަސްޢޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފައެވެ. އަދި އޭސީސީގެ ތަޙްޤީޤު ނިންމާ މައްސަލަ ޕީޖީއަށް ފޮނުވުމުން، މައްސަލަ ސާބިތު ކުރެވޭނެ މިންވަރަށް ހެކި ހުށައަޅާފައި ނުވާތީ އެމައްސަލާގައި ދަޢުވާކުރެވެނެ އެއްވެސް ހާލަތެއް ނެތްކަމަށް ނިންމާ ޕީޖީން މައްސަލާގައި ދަޢުވާނުކުރުމަށް ނިންމާފައިވެއެވެ.
މި މައްސަލާގައި ދަޢުވާ ކުރެވެން ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވުމާއިއެކު، ސަރުކަރު ހިންގާ މައި ޕާޓީގެ މަޖިލިސް މެމްބަރުން އަވަސްވެގަތީ މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށެވެ. އެހެންނަމަވެސް ޕާޓީގެ ޕީޖީ ގްރޫޕުން އެކަމަށް ނެގިވޯޓުން އެމައްސަލަ މަޖިލީހަށް ވައްދަން ފާސްނުވި ނަމަވެސް މަޖިލީހުގެ 24 މެމްބަރެއް ސޮއިކޮށް މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވެއެވެ.
ކޮމެންޓު ފޮނުވާ