ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 60 މިލިއަނާއި ގާތްކުރާ ޢަދަދަކަށް ފައިސާ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ސަފާރިތަކާއި ގެސްޓް ހައުސްތަކާއި ރިސޯޓްތައް މިވަގުތު ހިންގަމުން އަންނީ ގެއްލުމުގައިކަމަށާއި، އެއީ މި އިންޑަސްޓްރީގެ ބޭފުޅުންގެ ބޮޑު ގުރުބާނީއެއްކަމަށެވެ. ޚާއްޞަކޮށް މިސިނާއަތުގެ މުވައްޒަފުންގެ މުސާރައާއި ވަޒީފާއަށް ނުރަނގަޅު އަސަރުތަކެއްކޮށްފައިވާތީ ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާތަނަށް 60 މިލިއަނެއްހާ ރުފިޔާ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް އެކަނިވެސް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާލެވުމުން އެއީ މުޅި ފަތުރުވެރިކަމުގެ ސިނާއަތް ހުލުވާލެވުންކަމަށާއި، އެއާއެކު މުވައްޒަފުންގެ މުސާރައަށާއި ވަޒީފާ ގެއްލުނު މުވައްޒަފުންގެ ވަޒީފާއަށްވެސްހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
60 މިލިއަނެއްހާ ރުފިޔާ ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދެވިއްޖެ. އެހެންނަމަވެސް އެދުނު ހުރިހާ ބޭފުޅުންނަކަށް ނޫން. ޝަރުތު ހަމަވާ ބޭފުޅުންނަށް އެދެވުނީ. އުއްމީދު ކުރަނީ އިންކަމް ސަޕޯޓް ބައި ކެނޑޭވަރަށް ވަޒިފާގެ ކަންކަން ހަމަޖެހިގެންދާނެކަމަށް.
– ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް
ސަރުކާރުން އަންނަނީ އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މަހަކު 5000 ރުފިޔާ ދެމުންނެވެ. އެގޮތުން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 9989 މީހަކަށް ދޫކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 25000 އަށްވުރެ ގިނަ މީހުން ވަނީ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައަޅާފައެވެ. މީގެތެރިއިން 9989 މީހަކަށް ވަނީ އެލަވަންސް ދޫކޮށްފައެވެ. މިއީ އަދަދުން ބަލާނަމަ ޖުމްލަ 106 މިލިއަން ރުފިޔާއެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.
ކޮމެންޓު ފޮނުވާ