ރައީސް ނަޝީދަށް ހަމަލާއެއްދޭން ރާވާކަން އެމްއެންޑީއެފް އަށް އަންގާފައިވާކަން ހާމަވެއްޖެ

ރައީސް ނަޝީދަށް ހަމަލާއެއްދޭން ރާވާކަން އެމްއެންޑީއެފް އަށް އަންގާފައިވާކަން ހާމަވެއްޖެ

Author
މުޙައްމަދު ޖިމީ
14 މެއި 2021 01:16
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް އަންގާފައިވަނިކޮށްކަން ހާމަވެއްޖެއެވެ.

އެނގިފައިވާގޮތުން، ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢޫލޫމާތު ޢާންމުންގެ މީހަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ހިއްސާކޮށްފައެވެ. އެއީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރެއްވެސް މެއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ހަވާލާދީ އެނގިފައިވާގޮތުން އެއީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މެންބަރު އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ފޯނުން ގުޅުއްވާ 3 މިލިއަން ޑޮލަރަށް ރައީސް ނަޝީދަށް ބަޔަކު ހަމަލާ ދިނުމަށް ރާވަމުންދާކަމަށް ވިދާޅުވެފައެވެ. އެވާހަކަފުޅާއި ގުޅިގެން މާރިޔާ ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފް އިން ބަލަމުންދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި ހިމެނޭ ޖިނާއީ ކަންކަން ފުލުހުންނަށް އެންގުމަށް މިނިސްޓަރ ވަނީ އިލްޔާސްއަށް ދަންނަވާފައެވެ. މިއާއެކު މެންބަރުވެސް ވަނީ މިނިސްޓަރ އެކަން ފުލުހުންނަށް އަންގައިދިނުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސް ނަޝީދަކީ ހައިރިސްކު ބޭފުޅެއްކަމުން މަތީ ދަރަޖައަށް ސެކިއުރިޓީ ދެމުން އަންނަކަމަށެވެ. އެގޮތުން މީގެ ދެމަހެއްހާ ދުވަސްކުރިން އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ރައީސް ނަޝީދަށް ދެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، އެހަމަލާގެ ކުރިން ހަމަލާއެއް ރާވަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް އެނގިފައިވާކަން މިވަނީ ހާމަވެފައެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކުގެ އިންޓަލިޖަންސްއަށް އެ ހަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތު އެނގިފައިނުވާތީ ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

އެމްއެންޑީއެފް އިންވެސް ވަނީ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއްކަމުން އަބަދުވެސް ސެކިއުރިޓީ ފޯރުކޮށްދެމުން އައިސްފައިވަނީ އެކަމަށް ބަލައިގެންކަމަށެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދީފައިވާއިރު، ޢާންމުނަށްވެސް އެކަމުގެ އެެއްވެސް ހިލަމެއް ނުވަނީތޯ ޕްރެސްކޮންފަރެންސެއްގައި ވިދާޅުވެފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އޭގައި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ 2007 ވަނަ އަހަރު ސަލްޓަންޕާކް ގައި ގޮއްވާލި އީޢައިޑީއަށްވެސް މާބޮޑަށްވެސް ބާރުގަދަ ޑިވައިންސްއެއްކަމަށް ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުރަބޯ
މިވަރުންވެސް ޒަކަރިއްޔާ މަންސޫރަކަށް ހިލަމެއް ނުވޭދޯ. އަދި އިތުރު އެއްތަރި ޒަކަރިއްޔާގެ ކޮނޑުމަތީގަ ޖަހާލަދޭންވީނު...؟
މ މުފީދު
ދެބުޅާ ކޯޅޭތަން ބަލަންތިބެމާ ހިނގާ..ރާމާމަކުނު ނިންމާނީ ރަނގަޅަށް
A Altion
އިލިޔާސްލަބީބުއެވާހަކަަ ހިއްސާކުރުމުންމިއޮތީީ އެވާހަކަކަމާބެހޭފަރާތަށްް އެނގިފައިި ނޫންތޯޯ!