ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ބޮޑުކޮށްފި

ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ބޮޑުކޮށްފި

Author
ޔޫސުފް
14 މެއި 2021 03:05
0

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލު ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެެވެ. މި ލަނޑު ގޯލަށް ވަނީ ލިވަޕޫލްގެ ނަތަނިއަލް ފިލިޕްސް ފައިގައި ޖެހިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ލިވަޕޫލަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް، ޔުނައިޓެޑްގެ އެރިކް ބައީ ލިވަޕޫލްގެ ފިލިޕްސް އަށް ފައުލުނުކުރާ ކަމަށް ބަލައި ރެފްރީ ފަހުން ޕެނަލްޓީ ދީފައެއް ނުވެއެވެ. މިގޮތަށް ނިންމީ ވީއޭއާރު ވެސް ބެލުމަށްފަހުއެވެ.

މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮޓާއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފިރްމީނޯ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.

ނަމަވެސް ދެވަނަ ހާފް ފަށައިގެން 68 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަޝްފޯޑްްއެވެ. ނަމަވެސް މެޗުގެ ފަހު މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހައި، މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ލިވަޕޫލަށް ބޮޑު ހިތްވަރެއް ވަނީ ލިބިފައެވެ. ލިވަޕޫލް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ޕޮއިންޓް ފަހަތުގައެވެ. އަދި ލިވަޕޫލް އަތުން ބަލިވި ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައި 36 މެޗުން ހޯދި 70 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.