ޗެލްސީ ބަލިކޮށް އާސެނަލުން ޔޫރޮޕާ ލީގަށް ކުރާ އުއްމީދު ބޮޑުކޮށްފި

ޗެލްސީ ބަލިކޮށް އާސެނަލުން ޔޫރޮޕާ ލީގަށް ކުރާ އުއްމީދު ބޮޑުކޮށްފި

Author
ޔޫސުފް
13 މެއި 2021 03:37
0

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުން ޖާގައެއް ހޯދުމަށް ކުރަމުން އަންނަ އުއްމީދު ބޮޑުކޮށްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑު ކަމަށްވާ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީ ކޮޅަށް އާސެނަލުން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް އެވެ. މި ލަނޑަކީ ޗެލްސީގެ ޖޯޖީނިއޯ ފަހަތަށް ޖައްސާލި ބޯޅައެއް ގޯލުގެ ރޮނގުމަތިން އެ ޓީމުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ސަލާމަތްކުރި ބޯޅަ އަލުން ހޯދުމަށް ފަހު އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ދިން ބޯޅައަކުން ސްމިތު ރޯވް ޖެހި ލަނޑެކެއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ޗެލްސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައެވެ. އެގޮތުން  ކްރިސްޓިއަން ޕުލިސިޗް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް މަގާމެއްގައި އޭނާ ހުރެ ޖެހި ލަނޑެއް ކަމަށް ނިންމާފައެވެ. އަދި އޭގެ ފަހުން މެޗު ނިމެން ގާތްވެފައި ވަނިކޮށް ޒޫމާ އާއި ޖިރޫޑް ފޮނުވާލި ބޯޅަތައް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.

މިއީ 2003-2004 ވަނަ ސީޒަނަށް ފަހު ލީގުގައި އާސެނަލުން ޗެލްސީ އަތުން އެއް ސީޒަނެއްގައި ދެ ފަހަރު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޗެލްސީއާ ޓުޗެލް ހަވާލުވި ފަހުން ލީގުގައި ޗެލްސީ ބަލިވި ދެ ވަނަ މެޗެވެ. އޭނާގެ ކޯޗުކަމުގައި މީގެ ކުރިން ޗެލްސީ ބަލިވީ ވެސްޓް ބްރޮމް އަތުން އަމިއްލަ ދަނޑުގައެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ލީގުގެ 8 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެއީ 36 މެޗުން 55 ޕޮއިންޓާއެކުއެވެ. 9 ވަަަނައިގައި އޮތް އެވަަޓަން އަށް 34 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް މެޗު ހަމަކޮށްގެން އާސެނަލަށް ވުރެ މައްޗަށް އެރޭނެއެވެ. މި މެޗުން ބަލިވި ޗެލްސީ ހަތަރު ވަނައިގައި އޮތީ 36 މެޗުން 64 ޕޮއިންްޓާ އެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.