ދައުލަތުގެ ދެ ބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމައްޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އަނެއް ދެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތަށް އަންގަވާފައެވެ. މި ގޮތުން އެ ދެބޭފުޅުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެއްވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށްވެސް ވަނީ އަންގާފައެވެ. މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންޑާރަ ނައިބަށް އަންގަވާފައެވެ.
ރައީސްގެ މި ނިންމެވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމައްޖެއްސުންވެސް ހިމެނޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މަބްރޫކް އަޒީޒް ވިދާޅުވިއެވެ. ދައުލަތުން މިހާރު ރަސްމީ ގެ ކޮޅެއް ހަމަޖައްސަވާދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއި އެމަނިކުފާނުގެ ނާއިބަށެވެ. މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ގަންދަވަނީ އެބޭފުޅުންގެ އަމިއްލަ ގެކޮޅުގައެވެ.
ދައުލަތުގެ އަނެއް ދެ ބާރަށް ދައުލަތުން ރަސްމީ ގެކޮޅަށް ހަމަޖައްސާދިނުމަށް ރައީސް ނިންމަވާފައިމިވަނީ ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނިކޮށެވެ.
މިމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރަން ވަޑާއިގަންނަވިކޮށް އެމަނިކުފާނު ކާރުކޮޅު ޕާކުކޮށްފައި އޮތް ސަރަހައްދުގައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ހަމަލާގެ ސަބަބުން ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކާވާ މިންވަރަށް އެމަނިކުފާނުގެެ ހަށިކޮޅަށް ވަދެފައި ހުރި ރޭޒާ ފުއްތައް ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނައިރު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އާއިލާއިން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ