ބޮން ގޮއްވާލި ސަރަހައްދުން ނަގަންޖެހޭ ސާމްޕަލްތަކާއި ހެކި ނެގުމަށްފަހު އެ ސަރަހައްދު ހުޅުވާލައިފިއެވެ.
މިހާރު ކުރިއަށްދާ ފުލުހުންގެ ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ، ބޮން ގޮއްވާލި ސަރަހައްދުން ފާހަގަކުރެވުނު ހުރިހާ އެއްޗެއް މިހާރު ނަގާފައިވާކަމަށާއި، އެ ސަރަހައްދުން އިތުރު އެއްޗެއް ފެނިއްޖެނަމަ ފުލުހުންނަށް އެންގުމަށް ރިޔާޒް ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވަނީ ބޮން ގޮއްވި ސަރަހައްދުން ޢާންމުން ނަގާފައިވާ ފޮޓޯއާއި ވީޑިއޯވެސް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މަޢުލޫމާތު ދޭ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރަން ފުލުހުން ބޭނުންވި ހުރިހާ އެންމެން ހައްޔަރުކޮށްފައިވާކަމަށެވެ. އަދ އިތުރު ބަޔަކުވެސް ޝަމިލްވާނަމަ ހައްޔަރުކުރާނެކަމަށެވެ.
މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ