ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ނުރައްކާތެރި ޙަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.
އޮންލައިންކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، މިއީ، ޓެރަރިޒަމްގެ ވަރަށް ނުރައްކާތެރި ޢަމަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ޙަމަލާއާ ގުޅިގެން ތަޙުޤީޤު ޓީމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި، ދައުލަތުގެ އެންމެހާ ބާރުތަކާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރެއްވުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ. އަދި، ރައީސް ނަޝީދުގެ މިހާރުގެ ހާލުކޮޅާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވިއެވެ.
މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ