ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ވަޑއިގެންނެވިއްޖަމަ، ޝާހިދުގެ އަމާޒަކީ މައިގަޑު 5 ލަނޑު ދަނޑިއެއް ހާސިލް ކުރުން

ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ވަޑއިގެންނެވިއްޖަމަ، ޝާހިދުގެ އަމާޒަކީ މައިގަޑު 5 ލަނޑު ދަނޑިއެއް ހާސިލް ކުރުން

Author
ހުސެއިން
07 މެއި 2021 10:18
0

ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ވަޑައިގެންނެވިއްޖެ ނަމަ، މައިގަޑު 5 އަމާޒެއް ހާސިލް ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް، ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ދައުރުގެ ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް މިހާރު ވާދަކުރައްވާ ދެ ކެނޑިޑޭޓުންނާއެކު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޔޫއެން ހެޑްކުއާޓާރުގައި ބޭއްވުނު ކެނޑިޑޭޓުންގެ ޑައިލޮގްގައި، ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައިވަނީ، އޭނާ މިމަގާމަށް ވަޑައިގަންނަވާނީ "އުއްމީދު"ގެ މެސެޖު ހިއްޕަވައިގެން ކަމުގައެވެ.

އަދި، ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު މެމްބަރު ގައުމުތަކުން ދެއްވައިފި ނަމަ، އެއް އަހަރުގެ ދައުރުގައި މައިގަޑު 5 އަމާޒަކަށް ވާސިލްވުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިގޮތުން، ދައުރުގައި ހާސިލް ކުރުމަށް އިސްކަންދެއްވާނެ މައިގަޑު 5 އަމާޒުގެ ތެރެއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޝާހިދު ފާހަގަ ކުރެއްވި ކަމަކީ، ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަން ދެއްވުމެވެ. ދެވަނަ ލަނޑުދަޑިއެއްގެ ގޮތުގައި ކޯވިޑް19 އިން އަރައިގަނެވުމަށްފަހު، އަންނަ ހެޔޮ ބަދަލުތަކަކީ ދެމެހެއްޓެވިނި ބަދަލުތަކަކަށް ހެއްދެވުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއިރު، ޝާހިދުގެ ރިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނެ 3 ވަނަ ލަނޑު ދަނޑިއެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމަށް މެމްބަރު ގައުމުތަކާއެކު މަސައްކަތް ކުރުމެވެ. ޝާހިދު ވިދާޅުވި ގޮތުގައި އޭނާގެ ރިޔާސަތުގައި ހާސިލް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ 4 ވަނަ ލަނޑު ދަނޑިއަކީ ޔުނައިޓެޑް ނޭޝަންއަކީ ހުރިހާ އެންމެންގެ ވެސް ހައްގުތަކަށް ވަކާލާތު ކުރާނެ މުވައްސަސާއަކަށް ހެއްދެވުން ކަމުގައެވެ. ޚާއްސަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަށް ކަށަވަރު ކުރުމަށް މަސައްކަތް ކުރުމާއި، ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ އޭނާގެ ރިޔާސަތުގައި ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އަދި ޝާހިދު ވިދާޅުވީ، އޭނާއަކީ އަބަދުވެސް ޖިންސީ ހަމަހަމަކަމަށް ވަކާލާތު ކުުރައްވާ ބޭފުޅެއް ކަމަށާއި، އެނާގެ މިނިސްޓަރުކަމުގައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ގައުމުން ބޭރުގައި ގާއިމްވެފައިވާ މިޝަންތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި އައްޔަން ކުރައްވާފަ ތިއްބެވި ފޭޅުންގެ މެދުގައި މިހާރު "ޖެންޑަރ ބެލެންސް" ގާއިމް ކުރައްވާފައިވާކަން ފަޚުރުވެރިކަމއެކު ފާހަގަ ކުރައްވާ ކަމަށް ވިދާޅު ވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އޭނާގެ ރިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނެ 5 ވަނަ އަމާޒެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ޔޫއެންއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމެވެ. މިގޮތުން ޔޫއެންގެ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލް ވަރުގަދަކޮށް، ޔޫއެންއަކީ ޒިންމާދާރު ކުރުވާ އަދި ޒިންމާދާރުވާ މުވައްސަސާއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޝާހިދު ވިދާޅުވި ގޮތުގައި މިމަސައްކަތް ކާމިޔާބު ކުރައްވާނީ ޔޫއެންގެ ހުރިހާ މެމްބަރުގައުމުތައް މިމަސައްކަތްތަކުގައި ޝާމިލް ކުރުވައިގެން، މެމްބަރު ގައުމުތަކުގެ ފުރިހަމަ އެއްބާރު ލުމާ އެކީގައި ކަމުގައެވެ.

އިއްޔެ ރޭގައި ބޭއްވުނު ޔޫއެންގެ 75 ވަނަ ސެޝަންގެ ނުރަސްމީ ބައްދަލު ވުމަކީ، ޖެނެރަލް އެސެމްބްލީގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް ވާދަކުރައްވާ ދެބޭފުޅުން ކަމުގައިވާ ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދާއި، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލްއާއި ދެބޭފުޅުން ޑައިލޮގެއް ކުރިޔަށް ގެންދިއުމަށްޓާކާ ބޭއްވިގެންދިޔަ ނުރަސްމީ ބައްދަލު ވުމެކެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުންނަށްވެސް، ދެބޭފުޅުން ސިޔާސަތުތަކާއި، އަދި ވިޝަން މެމްބަރު ގައުމުތަކަށް ހާމަކޮށްދިނުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އަދި މެމްބަރު ގައުމުތަކުން ދެބޭފުޅުންނާއި ސުވާލުކޮށް، ދެ ކެނޑިޑޭޓުންގެ ސިޔާސަތުތަކާއި އަދި ކުރައްވާ އުއްމީދުތަކާ ގުޅޭގޮތުން ބޭނުންވާ ކަންކަން އޮޅުން ފިލުވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

ދިވެހި ސަރުކާރުން ކުރިން ވިދާޅުވެފައިވަނީ، ޔޫއެންގެ ކުރިޔަށް އޮތް ދައުރުގެ ރިޔާސަތު ރާޖެއިން ކާމިޔާބު ކުރުމަށްޓަކާ މިހާރުވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ތާއީދު ލިބިފައިވާ ކަމުގައެވެ. މީގެތެރޭގައި އިންޑިއާ އަދި ސައުދީ އަރަބިއާ ފަދަ ގައުމުތައްވެސް ހިމެނޭކަމަށް ސަރުކާރުން ކުރިން ހާމަ ކޮށްފައި ވެއެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ކުރިޔަށް އޮތް 76 ވަނަ ދައުރުގެ ރިޔާސަތަށް ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު އިންތިޚާބުކުރުމަށް ކުރަންޖެހޭ ކެމްޕޭނަށް ޚަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ 4.35 މިލިއަން ރުފިޔާ ހިމަނުއްވާފައެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އަހަރުން އަހަރަށް ދައުރު ވަމުންދާ ގޮތަށް ކަނޑައެޅިފައިވާ ރިޔާސަތެކެވެ. މިގޮތުން މިމަގާމު ޝާހިދަށް ކާމިޔާބު ކުރެވިއްޖެނަމަ، އޭނާ ޔޫއެންޖީއޭގެ ރިޔާސަތު ބަލަހައްޓަވާނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ވޯޓު ލުން އޮންނާނީ އަންނަ އޮގަސްޓު މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.