އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ޝާމިލުވާ މީހުންގެ ލިސްޓު މަޖިލީހަށް

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ޝާމިލުވާ މީހުންގެ ލިސްޓު މަޖިލީހަށް

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 05:15
0

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގެ ޚިޔާނާތުގައި ޝާމިލުވާ މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގެ ޚިޔާނާތާއި ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޖިނާޢީ ތަޙްޤީޤު ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށާއި، އެ ތަޙްޤީޤުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ސަބަބު ސާފުކޮށް ދެއްވުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީ.ސީ.ސީ.އާރް) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތަށް 28 އެޕްރީލް 2021 ގައި މި އިދާރާއިން ދެންނެވުމުން، އެ ހުރިހާ އިދާރާއަކުންވެސް ސުންގަޑި ހަމަވިއިރު އެ މަޢުލޫމާތުތައް ހިއްސާކޮށްދެއްވާފައިވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކުގައާއި، ޝަރުޢީ ދާއިރާގައާއި، މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި އެ ތަންތަނުގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި މިހާރުވެސް މެންބަރުކަމުގައި ތިއްބެވި ފަރާތްތަކާއި، އަދި ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް އެ މަޤާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ލިސްޓު ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީ.ސީ.ސީ.އާރް) އިން ހިއްސާ ކުރައްވާފައިވާކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިގެން މާ އެދެވޭ ނަތީޖާއެއް ފެނިފައިނުވާކަމަށެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން ލިބޭ މައުލޫމާތުތަކާއިއެކު މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ތިޖޫރިއެއް އަދި އަލަމާރީއެއް ނުހުޅުވާ ނުހުންނަވާނެކަމަށާއި، ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް އެ މައްސަލަ ބައްލަވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުލިގެން ވަރަށް ގިނަ ޢާންމުން އެމަނިކުފާނާއި ސުވާލުކުރައްވާކަމަށެވެ. މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަ ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް 70 މިލިއަން ޑޮލަރުގެ ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވޭނެ ގޮތް އެބައޮތްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މެންބަރުން ބޭނުންފުޅުވާނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހްމަދު ދީދީ
މިކަލޭގެ ޖެހެނީ އުމުރު ދުވަހު ޖަލުގަ ބާއްވަންް. މުޅިގައިމުހަލާކު ކުރަނީ މިފުރޭތަ
A Ahmed
Massala adhi nuves beley, ekamaku 70 million ambura hoadheynekan mikaleygayah yageen vejje. Mikahala vaahaka qaboolukohgen gunboa hedhigen thibey meehun mulhi qaumu halaaku kuramun mi dhanee