ޖިންސީ ތުހުމަތުކުރެވޭ ގައްދޫ ކައުންސިލްގެ އިންތިޚާބީ ރައީސް ޖަލުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވަނި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައެއްގައި ދަޢުވާ ލިބޭ ގދ. ގައްދޫ، ވިންސެންޓް، މުޙައްމަދު އަޙްމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ހުއްޓައި، ބަންދުން ދޫކޮށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން 03 މޭ 2021 ދުވަހު ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވާކަމަށެވެ.
މިބާވަތުގެ މައްސަލަތަކުގައި ދައުވާލިބޭ މީހަކު އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭ ކަމަށާއި، އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މުހައްމަދު އަހުމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އޭނާ އަށް އުފުލާފައި ކުޑަކުއްޖަކާ ގުޅޭ ޖިންސީ ކުށުގެ މައްސަލައެއްގައެެވެ. އެގޮތުން މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މުޙައްމަދު އަޙްމަދަކީ މީގެ ކުރިންވެސް އެރަށު ކައުންސިލް މެމްބަރުކަން އަދާކޮށްފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުއްޓާ އޭނާއަށް ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެވެ. އެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައެއް ނުވެއެވެ. ރަށު ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފައެވެ.
ގައްދޫ ކައުންސިލްގެ ގޮޑި އޭނާ ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރިޒާން އާއި ވާދަކޮށެވެ. ޖަލުގައި އޮތް މުހައްމަދު އަހުމަދު ވަނީ 700 އަށްވުރެ ގިނަ ވޯޓު ހޯދާފައެވެ. އޭނާއާއި ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓަށް މިހާރުގެ ނަތީޖާ ދައްކާގޮތުން 60 އަށްވުރެ ގިނަ ވޯޓުގެ ތަފާތު އެބައޮތެވެ.
ކޮމެންޓު ފޮނުވާ