ކޯވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ހިންގާ ކަސްރަތު ކުލާސްތަކާއި ޖިމްތަކާއި ސެލޫންތައް އަދި ސިނަމާތައް ބަންދު ކުރަން އަންގައިފިއެވެ.
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އަންގާފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމައިިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް އަދި ސިނަމާތަކާއި ސެލޫންތައް ބަންދު ކުރަން އަންގާ ކަމަށެވެ.
މާލެ ސަހައްދުގައި ކަސްރަތު ކުލާސްތަކާއި ޖިމްތަކާއި ސެލޫންތައް އަދި ސިނަމާތައް ބަންދު ކުރަން އަންގާފައިވާއިރު ކެފޭ ރެސްޓޯރެންޓުތަކާއި، ފިހާރަތައްވެސް ރޭގަނޑު 9 އެއްގެ ފަހުން ނުހުޅުވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ރޭގަނޑު 9 އިން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަށް ނުކުމެ އުޅުންވެސް ވަނީ މަނާކޮށްފައެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން އިއްޔެވަނީ 734 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ އަނެއްކާވެސް މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަމީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. ވޭތުވެދިޔަ 3 ދުވަހުވެސް މި ނުރައްކާތެރި ރެކޯޑުވަނީ ފެނިފައެވެ.
ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 7،109 މީހުންނެވެ. އަދި 198 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ