ރާއްޖެއިން ކޯވިޑް-19އަށް އިތުރު 734 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 734 މީހަކު ވަނީ ކޯވިޑް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން އެކަނިވެސް ޕޮޒިޓިވްވި 540 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 186 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 7 މީހަކާއި، ސިނާއީ ރަށްތަކުން ޕޮޒިޓިވްވި 1 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 32،665 އަށް އަރާފައެވެ.
ރާއްޖޭން ފަހަކަށް އައިސް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންވަނީ ރެކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން 500އިން މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރާތާ މިހާރު މިވަނީ 4 ދުވަސްވެފައެވެ. އަދި ދުވަހެއް ދުވަހަކަށް ކޭސްތައްދަނީ އިތުރުވަމުންނެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ. އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަފްތާއެއްގެ މައްޗަށް ޕޮޒިޓިވްވާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 133 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 25،473މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 7،109 މީހުންނެވެ. އަދި 198 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،787 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް މުޅި ޖުމްލަ 7 ލައްކައަށްވުރެ ގިނަ ސާމްޕަލް ރާއްޖޭގައި ނަގާފައިވެއެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ