ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ދަތުރުކޮށްފި

ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ދަތުރުކޮށްފި

Author
ޔޫސުފް
05 މެއި 2021 02:28
0

މެންޗެސްޓާ ސިޓީގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެޓީމު ދަތުރުކޮށްފިއެވެ.

ސިޓީ ފައިނަލަށް ދިޔައީ ދެ ލެގްގެ އެގްރިގޭޓުން 4-1 އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު ސިޓީ ކާމިޔާބުކުރީ 2-1 އިންނެވެ.

މެޗަށް ޕީއެސްޖީން ނުކުންނަން ޖެހުނީ އެޓީމުގެ އެންމެ ނުރައްކާތެރި ހަތިޔާރު ކިލިއަން އެމްބާޕޭ ނުލައެވެ. ލީގު މެޗުގައި އަނިޔާވުމާ ގުޅިގެން އެމްބާޕޭ މިރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ.

މެޗު ފަށައިގެން ވަރަށް ކުރީކޮޅު ޕީއެސްޖީން ޕެނަލްޓީއަކަށް އެޕީލްކުރިއެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ނިންމީ ސިޓީގެ ކުޅުންތެރިޔާގެ އަތުގައި ބޯޅަ ނުޖެހޭ ކަމަށެވެ. މެޗުގައި ސިޓީގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަލްޖީރިއާގެ ރިޔާދް މާރޭޒްއެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު މާރޭޒް ޖެހީ 63 ވަނަ މިނެޓުގައެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީގެ އެންހަލް ޑި މާރިއާ ސިޓީގެ ފެނާންޑީނިއޯ އަށް ގަސްތުގައި ހަމަލާ ދިނުމުން 69 ވަނަ މިނެޓުގައި ރެފްރީ ވަނީ ޑި މާރިއާ އަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. މެޗުގެ ފަހުކޮޅު ޕީއެސްޖީގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނުއިރު ކައުންޓަ އެޓޭކުގައި ސިޓީ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

ސިޓީއާ ދެކޮޅަށް ފައިނަލުގައި ކުޅޭނީ ޗެލްސީ ނުވަތަ ރެއާލް މެޑްރިޑެވެ. ޗެލްސީއާއި ރެއާލް ކުޅޭ ސެމީ ފައިނަލް ދެވަނަ ލެގު މެޗު އޮންނާނީ މާދަމާ ރޭއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.