ރާއްޖޭގެ ކޯވިޑުގެ ހާލަތު ބޮޑުތަނުން ގޯސްވެ، ހާލަތު ގޯސްވެފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން އެޅި ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ކަމަަށް ގިނަބަޔަކު މިއަދު ދެކޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ތެރޭގައި ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކަށް ލުއިދީ، އަދި ބައެއް ފިޔަވަޅުތައް އެޅިތާ 24 ގަޑިއިރުނުވަނީސް ފިޔަވަޅުތައް އުވާލާފައެވެ. އިންތިޚާބުގެ ތެރޭގައި އެޗްޕީއޭއިން އަމަލުކޮށްފައިވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޯވިޑް-19ގެ ޢަދަދުތައް ރާއްޖޭގައި އިތުރުވާން ފަށާފައިވާއިރު، މާލެއާއި އަތޮޅުތެރޭގައިވެސް މިދުވަސްވަރު ކޯވިޑް-19 ހަލުވިކަމާއެކު އަންނަނީ ފެތުރެމުންނެވެ. ވަކިން ޚާއްސަކޮށް ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ޢަދަދުތައް 300 އިން މަތީގައި ހުރުމަށްފަހު މިއަދު ރާއްޖޭގައި ވަނީ ރިކޯޑް ޢަދަދަކަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވެފައެވެ. އެގޮތުން 585 އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޖުމްލަ ޢަދަދު މިހާރު މިވަނީ 30،000 އަށްވުރެ މައްޗަށް އަރާފައެވެ.
ކޯވިޑްގެ ހާލަތާއި ގުޅިގެން އަނެއްކާވެސް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާއިރު، ދީނީ އިލްމުވެރިންގެ އެންމެބޮޑު ކަންބޮޑުވުމަކީ ކޮންމެ ފަހަރަކު ހާލަތު ގޯސްވަންދެން އަޅާނުލައި ތިބުމަށްފަހު ހާލަތު ގޯސްވުމުން އަބަދުވެސް އެންމެ ފުރަތަމަ ފިޔަވަޅު އަޅާތަނަކަށް މިސްކިތްތައް ވުމެވެ. ޝައިޚު އަޅީ ޒައިދު ވިދާޅުވީ މިހާލަތަށް ޤައުމު ދިޔައީ ވޯޓާއި ގުޅިގެން އަޅި ތާކުންތާކު ނުޖެހޭ ފިޔަވަޅު ތަކުގެ ސަބަބުންކަމަށެވެ.
ކުރިން ވޯޓާއި ގުޅިގެން ރިހޭ ފައިމައްޗަށް ފޮއި ވައްޓާލީ، ގަސްތުގައި! އިންތިޚާބާއި ގުޅިގެން ދެކޮޅު ނުޖެހޭ ފިޔަވަޅުތަކެއްގެ ނަތީޖާ މިއަދު މިފެންނަނީ! މިއަދިވެސް އޭރުވެސް ވަރަށް ގިނަ ބަޔަކު ލަފާކުރި.
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
އެޗްޕީއޭއިން ވަނީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކާ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މާލޭ ސަރަޙައްދުގައި މިމަހުގެ 5 އިން 15 އަށް 10 ދުވަހުގެ މުއްދަތަކަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި މެންދަމު 12 އިން ފަތިހު 4 އަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ކިންޑަރގާޓްން އިން ފެށިގެން ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދޭ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ފަށާފައިވާ އޯލެވެލް އިމްތިހާނު ކުރިއަށްދާނެއެވެ. އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ