ވެކްސިން ނުޖަހާ ތިބޭ ކުވައިތު ރައްޔިތުން އެގައުމުން ފުރުން މަނާ ކުރަނީ

ވެކްސިން ނުޖަހާ ތިބޭ ކުވައިތު ރައްޔިތުން އެގައުމުން ފުރުން މަނާ ކުރަނީ

Author
ހުސެއިން
03 މެއި 2021 09:49
0

ކޯވިޑް19 ވެކްސިން ނުޖަހާ ތިބޭ ކުވައިތުގެ ރައްޔިތުން އެގައުމުން ބޭރަށް ފުރައިންގެން ދިއުން މަނާ ކުރުމަށް ކުވައިތުގެ ކެބިނެޓުން ނިންމާފައިވާ ކަމަށް، އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީން ހޯމަ ދުވަހު ހާމަކޮށްފިއެވެ.

އިންފޮރމޭޝަން މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ކެބިނެޓްގެ މި ނިންމުން ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

ކެބިނެޓުގެ މި ނިންމުމުގައި ވާގޮތުން، ގައުމުން ބޭރަށް ދިއުން މަނާކުރުމަށް ހަމަޖެހިފައިވަނީ، ކޯވިޑް19 ވެކްސިން ޖަހަންޖެހޭ އުމުރުފުރާތަކުގެ މީހުންނަށެވެ. ކުވައިތުގެ ކެބިނެޓުން މީގެކުރިންވަނީ، އެގައުމުގެ ރައްޔިތުން ފިޔަވާ އެހެން ގައުމުތަކުން އެގައުމަށް މިވަގުތު މީހުން އެތެރެވުން މަނާކުރުމަށްވެސް ނިންމާފައެވެ.

މިއަހަރު ފެށުނުފަހުން ކުވައިތުގައިވަނީ، ކޯވިޑް19 ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް މަތިވާން ފަށާފައެވެ. ކޯވިޑް19 ފެތުރޭ މިންވަރު މިހާރު ކުވައިތުގައި އުޅެނީ ދުވާލަކަށް 1,300 އާއި 1,500 އާއި ދެމެދުގައެވެ.

ދުނިޔޭގައި ކޯވިޑް19 ފެތުރެންފެށި ފަހުން، މިހާތަނަށް އައިއިރު، ކުވައިތުގައި 276,500 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އިންޑިއާގައި އާދަޔާ ޚިލާފަށް ކޯވިޑް19 ފެތުރެން ފެށުމާއި ގުޅިގެން ކުވައިތުން ވަނީ މީގެ 10 ދުވަސްކުރިން އިންޑިއާއިން އެގައުމަށް ދަތުރު ކުރުން މަނާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.