ދިވެހި ފުލުހުންގެ މުވައްސަސާއަކީ، ނުހަނު ފަޚުރުވެރި މާޒީއެއް އޮތް މުވައްސަސާއެކެވެ. 1933 ވަނަ އަހަރު، އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރަދުންގެގެ ރަސްކަމުގައި ބިންގާ އެޅިގެން އައި ދިވެހި ފުލުހުންގެ ޚިދުމަތް އެކި ގޮތްގޮތަށް ނިއުޅެމުން ފޮރޮޅުމުން މިއަދާ ހަމައަށް އައިއިރު، އުފެދުމަށްފަހު، އާންމު ރައްޔިތުންނަށް މިޚިދުމަތް ވަނީ މެދު ކެނޑެމެއް ނެތި ފޯރުކޮށް ދެވެމުން އައިސްފައެވެ.
1978 ވަނަ އަހަރު ރައީސް މައުމޫން ވެރިކަމާ ހަވާލު ވެވަޑައިގަތުމަށްފަހު، ފުލުހުންގެ މުވައްސަސާ އަލުން އިންތިޒާމް ކުރައްވާ، އެމުވައްސަސާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުގައި ވަކިން މަސައްކަތް ކުރާ މުވައްސަސާއެއްގެ ގޮތުގައި ގާއިމް ކުރައްވާފައިވެއެވެ. އަދި އެއާއިއެކު، އެއް ޔުނީފޯމެއްގެ ދަށުން މަސައްކަތް ކުރެއްވި ނަމަވެސް، ސިފައިންގެ މަސައްކަތް ބައްޓަން ކުރެވިގެން އައީ، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ގޮތުގައެވެ.
ރައީސް މައުމޫންގެ ދިގު ވެރިކަމުގައި، ދިވެހި ފުލުހުންގެ މުވައްސަސާ ތަރައްގީ ކުރުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ބަދަލަކީ، 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ ކުރެވިގެން މުޅި އާ މުވައްސަސާއެއްގެ ގޮތުގައި އާންމު ރައްޔިތުންނާ ހަމައަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްވެން ފެށުމެވެ.
އެއަަށްފަހު، ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވި، އާގާނޫނު އަސާސީއެއް ތައާރަފް ކުރެވި، އާވެރިންތަކެއް އިންތިޚާބު ކުރެވި، ދިވެހި ފުލުުހުންގެ މުވައްސާވެސް އާގާނޫނު އަސާސީގެ ބައްޓަމަށް ރުކުރުވާލެވި، މިއަދާ ހަމައަށް އައިއިރު، މު މުވައްސަސާ ފުރާފުރިހަމަ ވެގެންގޮސްފައިވާ މިންވަރު އެންމެބޮޑަށް މިއަދު މޭރުން ކޮށްދެނީ، ފުލުހުންގެ މުވައްސަސާއިން ހިންގަމުންދާ މުހިންމު ތަހުގީގުތަކުންނާއި، އަދި ކާރިސާތަކުގައި ފޯރުކޮށްދޭ ތަފާތު އެކި ޚިދުމަތްތަކުންނެވެ.
6 މޭގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގުން ފުލުހުންނަށް ތައުރީފް!
6 މޭގަ މަޖިލިސް ރައީސް ނަޝީދުއަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ އެތައް ގޮތަކުން ދިވެހިން ހޭލައްވާލި ހަމަލާއެކެވެ. ޓެރަރިޒަމްގެ ނުރައްކާތެރިކަން ދިވެހި ރާއްޖޭގައި އޮތް މިންވަރުވެސް ވަރަށް ރަގަޅަށް ވަޒަން ކުރެވިގެން ދިޔަ ހަމަލާއެކެވެ.
އަދި މިހަމަލާގެ ނުރައްކާތެރިކަން އިތަރަށް ވަޒަން ވެެގެން ދިޔައީ، މިހަމަލާއާއި ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގުތަކުން ސާފުވެ ފާޅުވެގެން ދިޔަ ގިނަ ކަންތަތަކުންވެސްމެއެވެ. އޭގެ ތެރޭގައި، މިހަމަލާ ރޭވި މީހުން، މަޖިލިސް ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ރާވާފައިވާ ގޮތްތަކާއި، އެމީހުންގެ މަގުސަދާއި އަދި އޭގެ އިތުރަށް އެމީހުންގެ ވިސްނުމާއި ފިކުރު ހުރިކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަންކަމުގެ ވާހަކަ ފުލުހުން ހާމަކުރި ހިސާބުންވެސް، މިހަމަލާގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ވަޒަން ކުރެވިގެން ދިޔައެވެ.
6 މޭގެ ޓެރަރިސްޓު ހަމަލާއާއި ގުޅޭގޮތުން ފުލުހުން ބޭއްވި ޕްރެސް ބްރީފިންއަށްފަހު އޭގެ އިތުތުރަށް އެންމެ ބޮޑަށް ހާމަވެެގން ދިޔަ އަނެއްކަމަކީ، މި ހަމަލާގެ ފުނަށް ވާސިލްވުމަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކެވެ. މިގޮތުން ހަމަލާއާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުން، ވަނީ ހަމަލާގައި އަމަލީގޮތުން ހަރަކާތްތެރި ވެފައިވާ ގިނަ ބަޔަކު ހޯދާފައެވެ. އަދި އެއަށްފަހު، މި މީހުން އެތަކެއް ދުވަހެއް ވަންދެން ހަރަކާތްތެރި ވެފައިވާ ގޮތްތަކާއި، އަދި އެމީހުން ރާވާފައިވާ ރޭވުންތަކާއި، އަދި އޭގެ އިތުރުން މަޖިލިސް ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގައި ބޭނުން ކުރި ގޮވާތަކެތި ހެދުމަށް ކޮށްފައިވާ މަސައްކަތްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
6 މޭގެ ހަމަލާއަށްފަހު މަޖިލިސް ރައީސް ނަޝީދަށް ތާއީދުކުރާ އެތައްބަޔަކު ދިޔައީ، މިހަމަލާގެ ތަހުގީގާ ގުޅޭގިތުން އެތަކެއް ސުވާލުތަކެއް ފުލުހުންނާ މަތި ކުރުވަމުންނެވެ. މީގެތެރޭގައި ހަމަލާގެ އިސްކޮށް ތިބި މީހުން ހޯދިފައި ނުވާކަމުގެ ޝަކުވާއާއި، އަދި ހަމަލާއަށް ފަންޑު ކުރި ފަރާތްތައް ހޯދިފައި ނުވާކަމުގެ ޝަކުވާތަކުގެ އިތުރުންވެސް މިފަދަ އެތަކެއް ޝަކުވާތަކެއް ހިމެނެއެވެ.
އެހެންނަމަވެސް، މި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުން އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްއިން، ހަމަލާގެ ތަހުހީގުގައި ފުލުހުން ކޮށްފައިވާ ގިނަގުނަ، ބުރަ އަދި ބޮޑެތި މަސައްކަތްތަކެއް ސާފުވެގެން ގޮސްފައިވެއެވެ. މިފަދަ ތަހުގީގުތަކުގެ ފުލުހުންގެ ގާބިލްކަން ހުރި މިންވަރުވެސް ވަރަށް ރަގަޅަށް ހާމަވެގެން ގޮސްފައި ވެއެވެ. އަދި ހަމަ އޭގެ އިތުރުން މިފަދަ މުހިންމު އަދި އުދަގޫ ތަހުގީގުތައް ކުރުމުގައި ފުލުހުންގެ ޕްރޮފެޝަނަލްކަން ހުރި މިންވަރުވެސް މި ތަހުގީގުން ވަރަށް ރަގަޅަށް ހާމަވެގެން ގޮސްފައިވެސް ވެއެވެ.
އޭރުވެސް މިހާރުވެސް ގޮންޖެހުންތަކާ ފާޑުކިއުންތަކުގެ ތެރޭގައި!
2008 ވަނަ އަހަރު، އާގާނޫނު އަސާސީއެއް ބަލައިގަތުމަށްފަހު، ރާއްޖޭގެ އެތެރޭގައި އަމަން އަމާންކަން ބެލެހެއްޓުމުގައި ފުލުހުންގެ ދައުރު ވަކީން ބޮޑަށް ފުޅާވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، އަބަދުވެސް ސިޔާސީ ކޯޅުންތަކުގެ ތެރެއަށް ކޮންމެވެސް އެއްގޮތަކަށް ފުލުހުން ވަނުމަށް އޮންނަނީ ކޮންމެވެސް ބާވަތެއްގެ މަޖުބޫރީ ހާލަތްތަކެއް މެދުވެރި ވެފައެވެ.
އާގާނޫނު އަސާސީގެ ދަށުން ބޭއްވުނު އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު އައި ހުރިހާ ވެރިކަންތަކުގައިވެސް، ސިޔާސީ ގޮތުން ފުލުހުންގެ ބޭނުންކޮށް އަދި ފުލުހުންގެ މުވައްސަސާއަށް ތަފާތު ނުފޫޒުތައް ފޯރުވާފައިވެއެވެ. ވަކީން ޚާއްސަކޮށް 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ދިއުމަށްފަހު ފުލުހުންނަށް އަމާޒުވގެންދިޔަ ގޮންޖެހުންތައް ފާހަގަ ކޮށްލަން ޖެހެއެވެ.
އެއަށްފަހު، މެދު ކެނޑުމެއްނެތި ފުލުހުންނަށް ކުރިމަތިވެގެންދިޔަ ފުރައްސާރައާއި، އަދި ވެރިކަން ބަދަލުވުމުގެ މުޅި ކާރިސާއާއި ދިވެހި ފުލުހުންގެ މުވައްސަސާއާއި ގުޅުވައިގެން ކުރަމުންދާ ތުހުމަތުތަކާއި، އެފުރައްސާރަތަކުގެ މަތީގައި އަދި އަދާހަމައަށް ދާންދެންވެސް ބަޔަކު މީހުން ދެމިތިބިކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.
އެއަފަހު، ރައީސް ވަހީދުގެ ވެރިކަމުގެ ކުރު ދައުރެއް އައި ކަމުގައިވި ނަމަވެސް، 2013ގެ ރިޔާސީ އިންތިޚާބަށްފަހު ވެރިކަމަށް އައި ރައީސް ޔާމީނެވެ. ރައީސް ޔާމިނުގެ ވެރިކަމުގައި، މުޅި ވެރިކަމުގައިވެސް ފުލުހުންގެ މުވައްސަސާ އޮތީ ކާރިސާއެއްގެ ތެރޭގައި ކަމުގައި ދެންނެވިދާނެއެވެ. އެތަކެއް ޕޮލިސް ކޮމިޝަނަރުންނެއް އައިސްފަ ދާން ޖެހުނެވެ. ސިޔާސީ އެތަކެއް މީހުންނެއް ހައްޔަރު ކުރެވި، އެމީހުންގެ މައްޗަށް ހިންގުނު ސިޔާސީ ތަހުގީގުތައް ކުރިޔަށް ގޮސްފައިވަނީ، ފުލުހުންގެ މުވައްސަސާ ގުރުބާން ކޮށްގެންނެވެ.
އަދި މީގެއިތުރުން، އޭރު ކުރިޔަށްދިޔަ ސިޔާސީ އެތަކެއް މުޒާހިރާތަކެއް ކޮންޓްރޯލް ކުރުމަށްޓަކާ، ފުލުހުންގެ މުވައްސަސާގެ ބޭނުން ކުރެވިގެން ދިޔަ ގޮތްތަކާއި، މުޒާހިރާތައް ކޮންޓްރޯލްކޮށް ބާރުގެ ބޭނުން ކުރުމުގައި ފުލުހުންގެ މުވައްސަސާއިން ހައްދުފަހަނައަޅާ ދިޔަ މިންވަރަކީވެސް ހަމަ އިންކާރުކުރެވެން ނެތް ހަގީގަތެވެ.
ހަމަ އެފަދައިން، މިއަދުވެސް ފުލުހުންގެ މުވައްސަސާއަށް އަމާޒުވަމުންދާ ފާޑުކިއުންތައް އެގޮތުގައި ދަނީ ކުރިޔަށެވެ. ކިތަންމެ ރަގަޅު ތަހުގީގެއް ކުރިޔަށް ގެންދިޔަ ކަމުގައިވި ނަމަވެސް، އަދި އިޖުތިމާއީ މަސައްކަތައް ހައްލު ކުރުމުގައި އަދާކުރާ ދައުރު ކިތަންމެ ފުޅާވި ކަމުގައިވި ނަމަވެސް، ފުލުހުންނަށް އަމާޒުވަމުންދާ ފާޑިކިއުންތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ކުރިމަތިކާން ޖެހޭ ގޮންޖްހުންތައް ނުހަނު ގިނަގުނައެވެ.
އިސްލާހު ކުރަންޖެހޭ ކަންކަން ހުރިކަމުގައިވި ނަމަވެސް، ބިނާކުރަނިވި ފާޑިކުއުން މުހިންމު
6 މޭގެ ޓެރަރިސްޓު ހަމަލާއަށްފަހުވެސް، ފުލުހުންނަށް އަމާޒުކޮށް ސިޔާސީ ފަރާތްތަކުން ދިޔައީ ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ފާޑު ކިއުންތަކެއް އަމާޒު ކުރަމުންނެވެ.
މީގެތެރޭގައި، މި މުއައްސަސާއިން ކުރިޔަށް ގެންދާ ތަހުގީގު ފުރިހަމަ ނޫންކަމުގެ ވާހަކަ ޚުދު ރައީސް ނަޝީދުވެސް ދައްކަވާފައި ވެއެވެ. އަދި މީގެ އިތުރުން މަޖިލިސް މެމްބަރުންނާއި، އަދި އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނަށް ތާއީދުކުރާ ސިޔާސީ އެތަކެއް އެކްޓިވިސްޓުންނެއް ހިމެނެއެވެ.
އެހެންނަމަވެސް، ގަބޫލުކުރެވޭ ގޮތުގައި، 6 މޭގެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުން ރޭ ބޭއްވި ޕްރެސް ބްރީފިންއަށްފަހު، މިގޮތުން ކުރެވޭ ގިނަ ޝަކުވާތަކަސް ލުޔެއް ލިބިގެން ދާނެއެވެ. ސަބަބަކީ، މި ޕްރެސް ބްރީފިންގައި މިހަލައާއި ގުޅޭގޮތުން ފުލުހުން ހޯދާފައިވާ ކުރިއެރުންތައް ހާމަވެގެން ދިއުމުގެ އިތުރުން، ހަމަލާގެ ޒިންމާ އުފުލަންޖެހޭ މީހުންވެސް މިހާރު ހައްޔަރު ކުރެވި ޝަރުއީ މަރުހަލާތަކާ ހަމައަށް މިހާރު ވާސިލްވަމުން ދާތީ، މިފަދަ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމުގެ ފުނަށް ވާސިލްވުމުގައި ފުލުހުންނަށް ލިބިފައިވާ ގާބިލްކަމުގެ މައްޗަށް މި ތަހުގީގުން އިތުބާރު އިތުރުވެގެން ދާނެކަމަށް ވަރަށް ބޮޑަށް ބެލެވޭތީއެވެ.
އެހެންނަމަވެސް، ޕްރެސް ބްރީފިންގައި ފުލުހުންވެސް ފާހަގަ ކުރިފަދައިން، މި ހައްސާސީ ތަހުގީގުގައި އަދިވެސް ހޯދަންޖެހޭ ގިނަ ކަންތަތަކެއް ހުރުމާއިއެކު، އޮތް ހައްލަކީ ފުލުހުންގެ މަސައްކަތްތަކަށް އިތުބާރު ކުރުމެވެ. ފާޑު ކިއުންތައް ހުރިކަމުގައިވި ނަމަވެސް، ބިނާ ކުރަނިވި ފާޑުކިއުންތަކުން ފުލުހުންނަށް ހިތްވަރު ދިނުމެވެ.
ސަބަބަކީ، ގައުމީ ސަލާމަތު ރައްކާތެރި ކޮށްދިނުމުގެ އިތުރުން، ގައުމުގެ އެތެރޭގައި ހިގާ ހަމަނުޖެހުންތައް މައިތިރިކޮށް، ސިޔާސީ ގޮތުންނަމަވެސް އަދި އިޖުތިމާއީ ގޮތުންނަމަވެސް، ސުލްހަ މަސަލަސްކަން ގާއިމް ކުރުމުގެ އެންމެ މުހިންމު ޒިންމާ އުފުލަންތިބި ފަރާތްތަކަކީ ފުލުހުން ކަމުގައިވާތީ، ހުރިހާ ހާލަތެއްގައިވެސް، ފުލުހުން މަސައްކަތްތަކުގެ އަގު ވައްޓާލުމުގެ ބަދަލުގައި، އެ މުވައްސަސާގެ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ މުހިންމު ކަމެކެވެ.