އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ފުލަމް ބަލިކޮށް ޗެލްސީން ގަދަ ހަތަރެއްގައި ހިފޭއްޓުމަށް ކުރާ އުއްމީދު ބޮޑުކޮށްފިއެވެ.
ޗެލްސީގެ ސްޓެފޯޑް ބްރިޖްގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޗެލްސީން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މޭސަން މައުންޓްގެ އެހީތެރިކަމާއެކު މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. މީގެ އިތުރުން ދެވަނަ ހާފް ފަށައިގެން 4 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޓީމޯ ވާނާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކައި ހަވާޓްޒްއެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 34 މެޗު ކުޅެގެން ލިބުނު 61 ޕޮއިންޓާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ 4 ވަނައިގައެވެ. ލީގުގެ 5 ވަނައިގައި އޮތް ވެސްޓް ހޭމަށް 33 މެޗު ކުޅެގެން ލިބިފައިވަނީ 55 ޕޮއިންޓެއެވެ. ޗެލްސީ އަތުން ބަލިވި ފުލަމް އޮތީ ލީގުގެ 18 ވަނައިގައެވެ. އެއީ 34 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ 3 މެޗެއް ކުޅޭނެއެވެ. އެންމެ ފޯރިގަދަ ވާނެ މެޗަށް ވެގެންދާނީ މެންޗެސްޓަރ ޔުނައިޓެޑާ ލިވަޕޫލް ވާދަކުރާ މެޗެއެވެ. މި މެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ ލީގު ޗެމްޕިއަންކަން ސިޓީއަށް ކަށަވަރު ވާނެއެވެ. މި މެޗުގެ އިތުރުން މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ ނިއުކާސަލް ޔުނައިޓެޑާ އާސެނަލް ވާދަކުރާ މެޗެއެވެ. އަދި ފަހު މެޗުގައި ޓޮޓެންހަމް ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ