އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ: ނަޝީދު

އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 12:48
0

މަސައްކަތްތެރިންގެ ހައްގުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންދާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ފޮނުވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރުމުގައި ދެމިތިބޭނެކަމަށެވެ. މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދުމުގައި މިހާރުވެެސް ބައެއް ކަންކަން ފުރިހަމަ ވެފައިވާކަމަށާއި، އަދި ނުވެ ހުރި ކަންކަން ކުރުމުގައިވެސް އެމްޑީޕީ ދެމި އޮންނާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ދޭންޖެހޭ ސާވިސްޗާޖް ކަށަވަރު ކުރެވިފައިވާކަމަށެވެ. އަދި މިހާރު އެންމެބޮޑު ޝަކުވާއެއްއޮތް މިނިވަން ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅެންދެން އެމްޑީޕީން އެމަސައްކަތުގައި ދެމި އޮންނާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ! މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރާނެ. އެގޮތުން ފަތުރުވެރިކަމުން ލިބެންޖެހޭ ސާވިސް ޗާޖު މިހާރު އެވަނީ ކަށަވަރުވެފަ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައަޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ. އުފާވެރި ދުވަހަކަށް އެދެން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ މިސަރުކާރުން ވެރިކަމަށް އައުމުުގެ ކުރިން ވެފައިވާ ވައުދެކެވެ. ވައުދު ނުފުއްދި ދެއަހަރާއި ބައިވެފައިވާއިރު، މިހާރު ސަރުކާރުން ބުނަމުންދަނީ އެންމެ ކުޑަ އުޖޫރަ މިއަހަރު ނިމުމުގެ ކުރިން ކަނޑައެޅޭނެކަމަށެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިދިޔަ އަހަރު ވަނީ ލަފާ ދެއްވާފައެވެ.

މިނިމަމްވޭޖް ކަނޑައެޅުމުގައި 6 ދާއިރާއެއްވަނީ ޚާއްސަކޮށްފައެވެ. އެދާއިރާތަކަކީ ޓޫރިޒަމްގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާއާއި، މަސްވެރިކަމާއި، ތައުލީމީ ދާއިރާއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއެވެ. ބޯޑުން ކުޑައުޖޫރަ ކަނޑައެޅުމަށް ލަފާދެއްވާފައިވާ ދާއިރާތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް 6،400 ރުފިޔާއާއި، 8،000 ރުފިޔާއާއި ދޭތެރޭގެ އަދަދަކަށް އުޖޫރަ ދިނުމަށް އެއްބަސްވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.