އޭޑީއެފް އާއި ޑިޕާޗާ ޓެކުހުން މި އަހަރުގެ ފުރަތަމަ ހަ މަހު 2.1 ބިލިއަން ރުފިޔާ

އޭޑީއެފް އާއި ޑިޕާޗާ ޓެކުހުން މި އަހަރުގެ ފުރަތަމަ ހަ މަހު 2.1 ބިލިއަން ރުފިޔާ

Author
އަހުމަދު
11 ޖުލައި 2026 12:08
0

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް 2.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ދެ ބާވަތުން ލިބުނު 1.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17.5 އިންސައްތައިގެ ކުރިއެރުމެކެވެ. މި ދެ ބާވަތުގެ އާމްދަނީ ވަކިވަކިން ބަލާއިރު ވެސް ފެންނަނީ ބޮޑު ކުރިއެރުމެކެވެ.

އެގޮތުން، ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު 1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 907 މިލިއަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ. އޭޑީއެފްގެ ގޮތުގައި ވެސް 1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 913 މިލިއަން ރުފިޔާއާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ދެ ބާވަތަކީ ވެސް ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފައިސާއެވެ. އޭޑީއެފް ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުންނެވެ. ޑިޕާޗާ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ނަމަވެސް، މި ދެ ބާވަތުން ވެސް ބައެއް ފަރާތްތައް އިސްތިސްނާވެއެވެ. އެގޮތުން، ޑިޕާޗާ ޓެކްސް ދެއްކުމުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި އޭޑީއެފް ދެއްކުމުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.