މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރަކަށް ހަދައިގެން، ބައެއް ވަޒީރުންކަމަށް ދެކިގެން އުޅޭ ޒަމާން މިއަދު އައިސްފައިވާކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ ވަޒީރުންނަށް ތިއްބަވާ ބޭފުޅުން ބޭނުންވާ ކަންކަންކޮށްދީ، ވަޒީރުން ރުއްސައިގެން ކަންކަން ކުރިޒަމާން އިޔާދަ ވެފައިވާކަމަށާއި، މިއީ އެޒަމާންނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓްވީޓުގައެވެ.
އަލްހާން ވިދާޅުވީ ބައެއް މެމްބަރުންނަށް މިއަދު އެބޭފުޅުންނަކީ ވަޒީރު ބޭފުޅުންކަމަށް ގަބޫލު ކުރެވޭކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ރައީސަކީ ބޮޑުވަޒިރުކަމަށް ދެކެވި އެގޮތަށް އަމަލުކުރެވެމުންދާ ކަމަށެވެ. އަލްހާން ވަނީ ދުރުދުރުން ވާހަކަ ނުދައްކަވައި ސީދާ މައުޞޫއަށް ދިއުމަށް ވައްޑެއަށް ދަންނަވާފައެވެ.
ޤާނޫނު ހަދާ މަޖްލިހުގެ ރައީސް ބޮޑުވަޒީރު ހެދި އަނެއްބަޔަކު ވަޒީރު ހެދިގެން އުޅޭ ޒަމާން މިއޮތީ އައިސްފަ! އެވާހަކަ ތިޔަ ދެއްކެވެނީ!
– އަލްހާން ވިދާޅުވިއެވެ.
ސަރުކާރުު ހިއްސާވާ ކުންފުންޏެއްގެ އިސްވެރިއަކު ނުވަތަ ވަޒީރަކު ރުއްސައިގެން ރަށްރަށަށް ތަރައްގީ ގެންނަ ޒަމާން މާޒީވެ ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރައްވައި ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަޒީރުން ބޭނުންވާހާ ހުރިހާކަމެއް ކޮށްދީ ވަޒީރުން ރުއްސައިގެން ކަންކަން ކުރަންޖެހޭ ޒަމާނެއް ނޫންކަމަށެވެ.
ވަކި ވަކި ކަންކަމަށް މިސާލު ނަންގަވަމުން ވަހީދު ވިދާޅުވީ ވަޒީރުންނަށް މަސްގަނެދީ، އެބޭފުޅުންނަށް ލޯބިވެރިން ހޯދައިދީ، އެނޫންވެސް ބުނިހާކަމެއް ކޮށްދީގެން އެބޭފުޅުން ކުރިމަތީގައި ޖެއްސުނުހާ ވައްތަރެއް ޖައްސައިގެން ރަށަށް ކަންކަން ކޮށްދޭ ޒަމާން ފާއިތުވެފައިވާކަމަށެވެ. ނަމަވެސް މިހާރުވެސް އެކަން އިޔާދަކުރަން މަސައްކަތް ކުރާތަން ފެންނަ ކަމަށާއި، މިއީ ޖާގަދެވޭނެ ކަންކަމެއް ނޫންކަމަށް ވަހީދު ވިދާޅުވިއެވެ.
ވަޒީރުންނަށް މަސްގަނެދީ، ވަޒީރުން ގޭ ވަޅުދިޔަހިއްކައިދީ، ވަޒީރުންނަށް ބިޓުން ސެޓްކޮށްދީ، ވަޒީރުން ވިދާޅުވާ އެއްޗެއް މަޖާނޫނަސް މުޅި ގައިތަޅުވަމުން ހީހަދައިގެން މެނުވީ ކަންކަން ހާސިލުނުވީ ޒަމާން އެނބުރި އިޔާދަވާން އެދޭ ބައެއް މީހުން އަދިވެސް އެބައުޅެއެވެ.
– ވަހީދު ވިދާޅުވިއެވެ.
ނ. އަތޮޅު އަދި އެ ރަށު ކައުންސިލް ހަރަކާތްތެރިވާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، އަތޮޅެއްގެ ރައްޔިތުން ހަމަ އިސްކޮށް ތެދުވެ، އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލަ އަށް ނިންމުމަށް ތެދުވާ މަންޒަރު ފެނުމަކީ ހިތްހަމަޖެހުން ގެނުވާ ކަމެއް ކަމަށެވެ.
އެމްޑީޕީން އިންދި ކުޑަ އޮށެއްގެ ސިއްރުން ބޮޑު ގަހެއް ހެދުމުން އަންނަ ކަމަށާއި އެއީ ގިނަ ބަޔަކު ފަަހަތުގައި ތިބެގެން ކުރި މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އަމިއްލަ އަށް ހަލާލު މަސައްކަތުން ހަމަ އިސްކޮޅަށް ރައްޔިތުން ތެދުވުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި، މާޒީވި ތަނުގައި ރަށްރަށުގެ ރައްޔިތުން ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ ޖެހެނީ، މާލެ އައިސް ވަޒީރެއްގެ ގޭދޮށުގައި މަޑުކޮށްގެން ތިބުމަށެވެ. އެތަނުގައި ހުރެގެން ލިބުނު އެއްޗެއް ހިފައިގެން އަނބުރާ ދާން ޖެހުނަސް މިއަދު އެކަން މާޒީވެ ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ