ޓްރާސްޕޯޓް މިނިސްޓްރީން މިހާރުވެސް އެތައް ވައްކަމެއް ކުރަމުންދާކަމަށާއި، އެކަން މިނިސްޓަރ ނަހުލާއަކަށް ނުހުއްޓުވުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައިވަނީ ކޮން ކަމަކަށް އިޝާރާތް ކުރައްވައި ކަމެއް ނޭގުނު ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީ ތަފާތު އެކި ވައްކަންތައް ހިންގާކަމުގެ ތުހުމަތު ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ޚާއްސަކޮށް މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުން އެވާހަތައް ތަކުރާރުކޮށް މަޖިލީހުގައި ދައްކަވާފައިވެއެވެ.
ޓްރާސްޕޯޓް މިނިސްޓްރީއަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ވަގަށް ވެހިކަލް ރަޖިއްޓްރީ ކޮށްދިނުމާއި، ގަރާޖު ޕާކިން މައްސަލައާއި، ލައިސަންސް މައްސަލަތަކާއި މިނޫންވެސް ގިނަ މައްސަލަތަކެއް ފެންމެތިވެ މިހާރުވެސް ބައެއް މައްސަލަތައް އޭސީސީއާއި ކަމާއި ގުޅުންހުރި އިދާރާތަކުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޓްރާސްޕޯޓް މިިނިސްޓްރީން ކުރަނީ ވައްކަން! އެކަމެއް ނަހުލާ އަކަށް ނުހުއްޓުވު! ދުވަހުން ދުވަހަށް ވަނީ ގޯސް.
– ނިހާދު ވިދާޅުވިއެވެ.
ޓްރާސްޕޯޓް މިނިސްޓަރަކަށް މިނިސްޓަރ ނަހުލާ އައްޔަން ކޮށްފައިވަނީ އެކަމަނާއަކީ ކޯލިޝަންގެ އެއްބައިވެރިޔާ ޤާސިމްގެ އަނބިކަނބަލަކަށް ވުމުންކަމަށްވެސް އެމްޑީޕީގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި އެވުޒާރާއަކީ މިސަރުކާރުގެ އެންމެ ސްޕީޑުދަށް އެންމެ ކަންކަން ނުވާމިނިސްޓްރީ ކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް މިނިސްޓަރ ނަހުލާ މަގާމުން ވަކި ކުރުމަކީ ފަސޭހަކަމެއް ނޫންކަން އެމްޑީޕީގެ މެމްބަރުންނަށްވެސް އެގެއެވެ.
މިނިސްޓަރ ނަހުލާގެ މަޤާމާއި ގުޅިގެން އުފެދުނު ސުވަލުތަކަށް އެކަމަނާ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މިނިސްޓަރ ނަހުލާ ވިދާޅުވެފައިވަނީ ބޭނުންފުޅުވަނީ ވަކި މީހެއްގެ އަންބަކަށް ވީތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެބިނެޓަށް އައްޔަންކުރައްވާނެކަމަށް ޤަބޫލުފުޅު ނުކުރެވޭކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ސިޔާސީ މައިދާނުން ފެނިވަޑައިގަތީ 2018 އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިންނެވެ. އެމްޑީޕީއާއެކު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުން ޖޭޕީގެ ކެމްޕެއިންނަށް އެކަމަނާ ރަށްރަށަށް ވަޑައިގަތެވެ. އަދި ޖުމްހޫރީ ޕާޓިގެ ކޮންގްރެސްގައި އެޕާޓިގެ ކައުންސިލަށް ކުރިމަތިލައްވާ އިންތިޚާބުވެވަޑައިގަތެވެ.
އެމްޑީޕީން ރިޔާސީ ކެނޑިޑޭޓަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރެއްވިއިރު، ރަނިންމޭޓެއް ނެރެން ޖޭޕީއަށް ލިބުނު ފުރުޞަތުގައި މިނިސްޓަރ ނަހުލާ އަށް ރަނިންމޭޓްކަން ދެއްވުމަށް އުޅުއްވާކަމުގެ އަޑުތަކެއްވެސް އޭރު ފެތުރުނެވެ.
ގާސިމްގެ އަނބިކަބަނލުންގެތެރެއިން މިނިސްޓަރ ނަހުލާ ފިޔަވައި އެހެން ބޭކަނބަލަކު ސިޔާސީ މަގާމަކަށް މިހާތަނަށް ވަޑައިގެންފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ