ނާދިރާ ސަރުކާރަށް: އަތަށް ބާރުތަކެއް ލިބުނީމާ ބަހާ އަމަލު ދިމަލެއްނުވޭ

ނާދިރާ ސަރުކާރަށް: އަތަށް ބާރުތަކެއް ލިބުނީމާ ބަހާ އަމަލު ދިމަލެއްނުވޭ

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2021 08:05
0

ސަރުކާރު ލިބި އާރާއި ބާރު ލިބުމުން ކުރިން ދެއްކިހާ ވާހަތަކުގެ މަތީން މިއަދު ހަނދާން ނެތިފައިވާކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ކައުންސިލް މެމްބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ގެނައުމަށް މަގުމަތީގައާއި، އެނޫން ގޮތްގޮތުން ކުރެވުނު މަސައްކަތުގައިވެސް އެންމެ ކުރީ ސަރުގައި ހަރަކާތްތެރިވި ކަނބަލެކެވެ. އެތައް ފަހަރަކު ފުލުހުންގެ އަތްދަށުގެ ނާދިރާވަނީ ފުލުހުންގެ ބަންދަށްވެސް ގެންގޮސްފައެވެ. ނަމަވެސް އޭނާ އޭރު ވިދާޅުވެފައިވަނީ ކިތަންމެ އަނިޔާއެއް ކުރި ކަމުގައި ވީނަމަވެސް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވަނީ ހުއްޓާ ނުލާނެކަމަށެވެ.

މިއަދު އަނެއްކާވެސް ނާދިރާގެ ފާޑުކިޔުން އަމާޒުވީ ހަމަ މިފަދަ މިއްސަލައަކަށެވެ. މާލޭގައި އިދިކޮޅު ކޯލިޝަނުން ކުރަމުްދާ މުޒާހަރާތަކާއި ގުޅިގެން ފުލުހުން އިންތިހާއަށް ބާރުގެ ބޭނުންކޮށް، މީހުންނަށް އަނިޔާކުރާ ވީޑިއޯއެއް ހިއްސާ ކުރައްވައި ނާދިރާ ވިދާޅުވީ އޭރުވެސް ކަންކަން ހިނގި ގޮތަށް މިއަދުވެސް ކަންކަން ވަމުންދާ ކަމަށެވެ. ކަންކަން ބަދަލު ކުރުމަށް ވައުދުވެ އެވާހަތައް އަޑަށް ބާރުލާފައި ދެއްކި ބޭފުޅުން މިއަދު މިކަންކަމާއި ހަވާލުވެގެންވެސް މިފަދަ އަމަލުތަކަށް ބަދަލެއް ނާންނަ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އޭރުވެސް މިހާރުވެސް މިކަމަކަށް ބަދަލެއް ނާދޭ. ހިންގަން ތިބި މީހުން ބަދަލުވެއްޖެ. ހިންގާ ގޮތް ބަދަލެއްނުވޭ. އަތަށް ބާރުތަކެއް ލިބުނީމާ ބަހާ އަމަލު ދިމަލެއްނުވޭ.

– ނާދިރާ ވިދާޅުވިއެވެ.

މާލޭގައި އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމުގެ ޝަކުރާ ތަކުރާރުކޮށް އިދިކޮޅު ކޯލިޝަނުންވެސް ދަނީ ފާޅު ކުރަމުންނެވެ. އަދި މިކަންކަން ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ތެރެއިން ހިއުމަން ރައިޓް ކޮމިނާއި، ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަންފަދަ ކޮމިޝަންތަކުން ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ގޮވާލަމުންނެވެ.

މިއަދު ވެރިކަން ކުރައްވަމުންދާ ކޯލިޝަނަކީ ސުލްހަވެރިކަމާއިއެކު އެއްވެ އިހުތިޖާޖު ކުރުމާއި، ހަޅުތާލު ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ހިމެނޭ ކޯލިޝަނެކެވެ. ނަމަވެސް އިދިކޮޅުން މުޒާޖަރާ ކުރަން އިއުލާން ކުރުމާއިއެކު އިދިކޮޅު ޕީޕީއެމްގެ އޮފީސް ބަންދުކޮށް މުޅި ސަރަހައްދު ބަންދުކުރާކަމީ މިއަދު ފެންނަމުންދާ ހަގީގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.