ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރާކަށް ޕީޕީއެމް ވަރުބައްޔެއްނުވާނެ ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަދި އެމަނިކުފާނަށް ބޮޑުބޭބޭ ވިދާޅުވާ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ގޭބަންދަނަށް މިރޭ ބަދަލު ކުރުމަށް ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް ޔާމީން ގެނައުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ޕީޕީއެމް ދެމި އޮންނާނެކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނުހައްގު ހުކުމެއްކަމަށް ޣައްސާން ވަނީ ރޭ ކުރެއްވި ޓްވީޓުގައިވެސް ތަކުރާރު ކުރައްވާފައެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވީތީ ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ޝުކުރު ދަންނަވަން. ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނި ނުހައްގުން. އެމަނިކުުފާނު މިނިވަންކޮށް 2023 ވަނަ އަހަރުގެ ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިކަމެއްނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ.
– ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ގިނަބަކު ވަނީ މާލޭގައި މިރޯދަމަހުވެސް މުޒާހަރާ ކޮށްފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާ ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ވުމަށް ފަހުގައިކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ