ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަކަށް ބަދަލު ގެނައުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ގަވާއިދު ކޮމިޓީން މިއަދު މަޖިލިސްގެ ގަވާއިދަށް ގެނައި އިސްލާހު ތަޅުމުން ފާސްކުރުމުންނެވެ. އާންމު ކޮމިޓީން ގެނައި އިސްލާހާއިއެކު ތަޅުމުން ފާސްކޮށްފައިވަނީ 70 މެމްބަރުންގެ ވޯޓުންނެވެ.
ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ މިހާރު އޮތްގޮތުން ދިރާސީ އަހަރުގެ ކިޔެވުން ނިމިގެން ދަރިވަރުންނަށް ލިބޭ ޗުއްޓީ ދިމާވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ މެދުތެރެއަށް ކަމަށްވުމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ މަޖިލީހުގެ ދެވަނަ ދައުރުގެ ހިނގުން މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
އަދި އެ ގަވާއިދު ގެ 24 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ގައިވާ މަޖިލީހުގެ ތިންވަނަ ދައުރު އޮގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ހިނގާނެ ގޮތަށް ބަދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މިގޮތަށް މި މާއްދާ އިޞްލާޙު ކުރުމުން މަޖިލީހުގެ ދެވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް މަދުވި ނަމަވެސް ތިން ވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް އިތުރުވެގެންދާނެކަމަށާއި، އަދި ޖުމްލަކޮށް މުޅި އަހަރު މަސައްކަތްކުރާ ދުވަސްތަކުގެ ޢަދަދަކަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް ވަނީ މަޖިލިސް ގަވާއިދަށް ބަދަލު ގެނެސްފައެވެ.
ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ވަނީ ނިންމައިފައެވެ. އެހެންކަމުން ދިރާސާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ އަހަރުގެ ޖުލައި މަހަށެވެ.
ކޮމެންޓު ފޮނުވާ