ފަލަސްޠީނާއި އިސްރާއީލުގެ ޤާނުނު ހަދާ މަޖިލީހުގައި ތަޤުރީރުކުރުމުގެ ދަޢުވަތު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާކަމަށާއި، އެކަމުގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ސާފުކުރަން ބޭނުންވާކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަލަސްޠީން ރައްޔިތުންނަށް އެއްވެސް ގޮތަކުން އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތްނަމަ އެގޮތް ދިވެހިން ބޭނުންވާނެކަމަށާއި، އެމަނިކުފާނުވެސް ވިސްނަވަނީ އެގޮތަށްކަމަށެވެ.
ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި، އެރައްޔިތުންނަށް ދަޢުލަތެއް ޙައްޤުކަން އެއީ އެއްވެސް ހާލަތެއްގައި އަޅުގަނޑަށް ޔަޤީން ކަށަވަރު، މިމަޖިލީހުގެ އެއްވެސް މެންބަރަކު އެކަމާ އިންކާރު ކުރާނެކަމެއްނޫން. އަޅުގަނޑުމެންނަށް ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިކަމެއް ދެވެން އެެއްވެސް މިންވަރަކަށްވާނަމަ އެއީ ދިވެހިން އަބަދުވެސް އެދޭނެކަމެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިގޮތުގައި، ފަލަސްތީނަށް އެހީތެރިވެދެވޭނެ ގޮތަކީ ކޮބައިތޯ މަޖިލީހުގެ މެމްބަރުން ވެސް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ރާއްޖޭން އެކަމުގައި ދަމަަހައްޓަމުން އަންނަ ސިޔާސަތަކީ ފަލަސްތީނު މީހުންނަށް ވެސް ދައުލަތެއް އުފައްދައި، ދެ ދައުލަތް ބަލައިގަތުމެވެ.
މިފަދަ މަޢުޟޫތަކުގައިވެސް ރައްޔިތުންގެ މެދުގައި ފާޅުކުރާ ޚިޔާލުތައް މުހިއްމުކަމަށާއި މިފަދަ ކަންކަމުގައި އަމަލުކުރަން ޖެހޭނީ ހުރިހާ އެންމެން ހިތްހަމަޖެހޭ ގޮތެއް ހޯދައިގެންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެތައް އަހަރެއް ވަންދެން ނިގުޅައިގަނެފައިވާ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް އަނބުރައި ހޯދައިދެވޭނީ އދ. އިން ކަނޑައަޅާފައިވާ ގޮތަށް ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރެވިގެންކަން ފާހަގަކޮށް ބައިނަލް އަޤުވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސްދަނީ އެކަމަށް ތަކުރާރުކޮށް ވަކާލާތުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ