ބްރޯޑްކޮމް އަށް ޝިފްލާ އައްޔަން ކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

ބްރޯޑްކޮމް އަށް ޝިފްލާ އައްޔަން ކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2021 10:55
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް، މަޝްހޫރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ޝިފްލާ އިބްރާހިމް އައްޔަން ކުރުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްއަށް ޝިފްލާ އިބްރާހިމްގެ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފައިވަނީ މިމަހުގެ އެކާވީސް ވަނަ ދުވަހުއެވެ. މިއަދު ބާއްވާ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގައި ޝިފްލާގެ ނަމަށް ވޯޓަށް އަހަން ވަނީ އެޖެންޑާ ކޮށްފައެވެ.

ޝިފްލާގެ ނަން ފާސް ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމީ ރައީސް ނަން ފޮނުއްވި ތިން ބޭފުޅުންނާ މިއަދު އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ އިއްތިފާގުންނެވެ. ފާތުމަތު ސައުޝަން އާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަން ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ފާހެއްނުވިއެވެ. ކޮމެޓީގައި 11 މެމްބަރުން ތިއްބެވިއިރު އެ ދެ ބޭފުޅުންނަށް ވެސް ލިބުނީ ހަ މެމްބަރުންގެ ވޯޓެވެ.

މިއީ ބްރޯޑްކާސްޓިން ކޮމިޝަނަށް ޝިފްލާ އައްޔަން ކުރުމާމެދު ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ތިން ވަނަ ފަހަރެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކޮށްފައިވަނީ ފަޒީންއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.