މިލިއަނަކަށް ވުރެ ރުފިިޔާ ނުދައްކައިގެން ތިނަދޫ ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލައިފިއެވެ.
ތިނަދޫ ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލާފައިވަނީ 1.3 މިލިޔަން ރުފިޔާ ނުދައްްކައިގެންނެވެ. ކަރަންޓު ކަނޑާލާފައިވަނީ ހަމައެކަނި ކައުންސިލް އިދާރާގެ ބިލް ނުދައްކައިގެން ނޫނެވެ. އޭގެ ތެރޭގައި ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ބިލުތައް ވެސް ހިމެނެއެވެ. ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ތެރޭގައި މިސްކިތްތަކާއި މަގުބައްތި އާއި ފެރީ ޓާމިނަލް ހިމެނެ އެވެ. ފެރީ ޓާމިނަލުން ވެސް ވަނީ ކަރަންޓު ކަނޑާލައިފައެވެ. ނަމަވެސް މިސްކިތްތަކާއި މަގުތަކުން ކަރަންޓު ކަނޑައެއް ނުލައެވެ.
ތިނަދޫ ކައުންސިލް ރައީސް ވިދާޅުވެފައިވަނީ ކަރަންޓަށް އެހާ ބޮޑު އަދަދެއް ނުދެއްކި ހުރީ މިދިޔަ އަހަރު ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއް އުނިކުރުމުން ކަމަށެވެ. ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުގައި ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރި އިރު ތިނަދޫ ކައުންސިލުން 15 މިލިއަން ރުފިޔާ އުނިކުރި ކަމަށް އަމްޖަދު ވިދާޅުވި އެވެ.
ކައުންސިލްގެ ކަރަންޓް ކަނޑާލާފައިވާއިރު، 2020 ވަނަ އަހަރުގެ ކުރިން 8 ލައްކައާއި ކައިރި ކުރާ ވަރަކަށް ފައިސާ ކަރަންޓް ބިލަށް ދައްކާފައިވާ ކަމަށް އަމްޖަދު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ކަރަންޓް ކަނޑާލާފައިވަނީ 2020 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ހުރި ބިލްތަކަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ