ރައީސްގެ ޖަވާބު ނަޝީދަށް: ނިޒާމް ބަދަލުކުރެވޭނީ ސީދާ ރައްޔިތުންގެ ވޯޓަކުން

ރައީސްގެ ޖަވާބު ނަޝީދަށް: ނިޒާމް ބަދަލުކުރެވޭނީ ސީދާ ރައްޔިތުންގެ ވޯޓަކުން

Author
މުޙައްމަދު ޖިމީ
19 އޭޕްރިލް 2021 03:34
0

މިހާރު ޢަމަލަުކުރެވެމުންދާ ވެރިކަމުގެ ނިޒާމަކީ ސީދާ ރައްޔިތުންގެ ވޯޓަުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމަކަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން ރައީސް ނަޝީދު އިއްޔެ ހާމަކުރައްވާފައިވަނީ ރައީސް ޞާލިޙަށް ފޮނުއްވެވި މެސެޖެއްގައެވެ. ރައީސް އޮފީހުން ވަނީ ރައީސް ނަޝީދުގެ އެ މެސެޖު ރައީސް ޞާލިޙަށް ލިބިވަޑައިގެންފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާއަށް އިއްޔެ ފޮނުއްވެވި މެސެޖުގައި ވަނީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ބޭނުންފުޅުކަމާއި، އަބަދުވެސް ތާޢީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށްކަން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގެ ފަސް އަހަރު ނުނިމެނީސް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން، ރައީސްއަށާއި، ވަޒީރުންނަށް ރައީސް ނަޝީދު ހުށައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް ނަޝިދު މީގެ ކުރިން ވަނީ ރާއްޖެއަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމްކަމަށާއި، ރާއްޖޭގެ މިހާރު އޮތް ނިޒާމް ބަދަލުކުރައްވާނީ ރައީސް ޞާލިޙާއި މަޝްވަރާކުރައްވައިގެންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝިދު، ރައީސް ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މެސެޖާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސް ނަޝިދުގެ މެސެޖު ރައީސްއަށް ލިބިވަޑައިގެންފައިވާކަމަށާއި، މިހާރު ޢަމަލުކުރެވެމުންދާ ވެރިކަމުގެ ނިޒާމަކީ ޢާންމު ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ގޮތެއްކަމަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށާއި، ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން ރައީސް ނަޝީދު ހާމަކުރެއްވުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން ނިޒާމް ބަދަލުކުރެވޭނީ ސީދާ ރައްޔިތުންގެ ވޯޓަކުންކަން ކުރީގެ ރައީސުންނާއި އެނޫން ބައެއް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ބަޣާވާތެއް ކުރައްވަންކަމަށްވެސް ބައެއް ބޭފުޅުން ވަނީ ސިފަކުރައްވާފައެވެ.

ނަމަވެސް ރައީސް ނަޝިދުގެ ޚިޔާލުފުޅަށް އެމަނިކުފާނަށް ތާޢީދުކުރައްވާ ބޭފުޅުން ގެންދަވަނީ ތާޢީދުކުރަމުންނެވެ.

ރާއްޖޭގައި ހިންގުމަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމެއްކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީވިއެވެ. އަދި ވޯޓު ލާފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.