ރައްޔިތުންކޮށްފައިވާ ޙުކުމް ބާޠިލްކުރެވޭނީ ރައްޔިތުން ގާތު އަހައިގެން: ޢަލީ ޙުސައިން

ރައްޔިތުންކޮށްފައިވާ ޙުކުމް ބާޠިލްކުރެވޭނީ ރައްޔިތުން ގާތު އަހައިގެން: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
19 އޭޕްރިލް 2021 10:59
0

ރައްޔިތުން ކޮށްފައިވާ ހުކުމެއް ބާޠިލު ކުރެވޭނީ އަނެެއްކާވެސް އަލުންގޮސް ރައްޔިތުންގެ ގާތުގައި އަހައިގެންކަމަށް ވިދާލުވެ، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އިއްޔެ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރައްވަން ރައީސް ނަޝިދު ބޭނުންފުޅުވެ، އެވާހަކަ ރައީސްއަށް ދެންނެވުމުން، އެކަމަށް އިޝަރާތްކުރައްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ރައްޔިތުން ކޮށްފައިވާ ހުކުމެއް ބާޠިލު ކުރެވޭނީ އަނެެއްކާވެސް އަލުންގޮސް ރައްޔިތުންގެ ގާތުގައި އަހައިގެންކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުަލަމާނީ ނިޒާމަށް ބަދަލުކުރެވޭނީ ދެންވެސް ރައްޔިތުންގެ ވޯޓަކުންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިހާރު އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ފުރަހަމަ ތާޢީދާ އެކު ގެނެސްފައިވާ ރައްޔިތުންގެ ިޔާލު ހޯދުމުގެ ވޯޓަކުން ގެނެސްފައިވާ ނިޒާމެކެވެ.ނަމަވެސް ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމްކަމަށް ވިދާޅުވެ ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅަށް، އެމަނިކުފާނަށް ތާޢީދުކުރައްވާ ފަރާތްތަކުން އަންނަނީ ތާޢީދުކުރައްވަމުންނެވެ. އެގޮތުން ނިޒާމް ބަރުކަމާނީ އަށް ބަދަލުކުރުމަށްވެސް ޚާއްޞާ ޕޯސްޓްތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.

އިއްޔެ ރައީސް ނަޝީދު ރައީސް ޞާލިޙަށް ފޮނުއްވި މެސެޖުގައި ވަނީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.މެސެޖުގައި ވަނީ2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުެއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.