މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ކުވައިތަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ އަހްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް އަލް ޖާބިރު އަލް ސަބާޙް އާއި އެޤައުމުގެ އެހެން ބައެއް އިސްވެރިންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ – މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އާއި ޑިރެކްޓަރ މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރ އަހްމަދު ސަލްމާން ޒަކީ ބައިވެރިވެވަޑައިގަންނަވައެވެ.
މިނިސްޓަރ ޝާހިދު ކުވައިތަށް މި ވަޑައިގަތީ އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. ކުރިއަށް އޮތް އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް ޢަބްދުﷲ ޝާހިދު ގެންދަވަނީ ގިނަ ޤައުމުތަކެއްވެސް އިސް ވެރިްނނާއި ބައްދަލުކުރައްވާ ތާޢީދު ހޯއްދެވުމަށް މަޝްވަރާކުރައްވަމުންނެވެ. އެގޮތުން އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފަރާތުން ޢަބްދުﷲ ޝާހިދު އިންތިޚާބުކުރެއްވުމަށް މިހާތަށް ގިނަ ޤައުމުތަކަކުން ވަނީ ތާޢީދުކޮށް ޔަޤީންކަން ދެއްވާފައެވެ.
އެގޮތުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަރަށް ގިނަ ޤައުމުތަކެއްގެ އެމްބެސަޑުންރާއި އެފެންވަރުން ބޭފުޅުންނާއި ޝާހިދު ބައްދަލުކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ