އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޗެލްސީއާއި ދެކޮޅަށް ނުކުންނަ ކްލަބަކަށް ލެސްޓާ ސިޓީ ވެއްޖެއެވެ.
ލެސްޓާ ސިޓީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ސައުތެމްޓަން 0-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވި ނަމަވެސް، މި ހާފުގައި ލީޑު ނަގަން ލެސްޓާގެ ޖެމީ ވާޑިއަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލެސްޓާއިން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ.
މިއީ 1969 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލުން ލެސްޓާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ޗެލްސީ އާއި ލެސްޓާ ސިޓީ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މެއި މަހުގެ 15 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމުގައެވެ.
ކޮމެންޓު ފޮނުވާ