ސިޓީ ކަޓުވާލުމަށްފަހު ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް

ސިޓީ ކަޓުވާލުމަށްފަހު ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް

Author
ޔޫސުފް
18 އޭޕްރިލް 2021 01:07
0

މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހު އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީ ހޯދައިފިއެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޗެލްސީން މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބަލިވުމުން މި ސީޒަނުގައި ހުރިހާ ތައްޓަކަށް ވާދަކުރަމުން އަންނަ ސިޓީ އަށް މިހާރު ވަނީ އެ ފުރުސަތު ގެއްލިފައެވެ.

އެފްއޭ ކަޕުގެ ފައިނަލުގައި ޗެލްސީ ނުކުންނާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ރޭ ލެސްޓާ ސިޓީ އާއި ސައުތެމްޓަން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

މި މޮޅާއެކު ޗެލްސީ ވަނީ އެފްއޭ ކަޕްގެ ތާރީހުގައި 15 ވަނަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފައެވެ. 8 ފައިނަލުން މޮޅުވިއިރު 6 ފައިނަލުން އެޓީމު ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ މިއަހަރު ގޯލެއް ނުޖެހި ސިޓީ ނިންމާލި ފުރަތަމަ މެޗެވެ.

މި މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު 55 ވަނަ މިނެޓުގައި ޖެހީ ހަކީމް ޒިޔެޗް އެވެ. ޓިމޯ ވާނާ ހުސްކޮށްލާފައި ޖައްސާލި ބޯޅަ ޒިޔެޗް ފޮނުވާލީ ހުސް ގޯލެއްގެ ތެރެއަށެވެ.

އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލްއެވެ. އެޓީމުން ވަނީ މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެއީ 12 ފަހަރެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން މި މުބާރާތުުގެ ތަށި އުފުލާލީ ޗެލްސީއެވެ. އެއީ 8 ފަހަރުއެވެ. މިފަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރެވިއްޖެނަމަ މި ޢަދަދު 9 އަކަށް އަރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.