މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވާ ވެރިކަމުގެ ދައުރު 2024 ވަނަ އަހަރު ނިމި ދިއުމަށްފަހު، އިތުރު ދެދައުރު ވެރިކަމަށް ވާދަކުރުމުގެ ފުރުސަތު ލިބިދޭ ގާނޫނު ރަޝިއާގެ ރައީސް ޕުޓިން ހޯމަ ދުވަހު ތަސްދީގު ކުރައްވައިފި ކަމަށް، ރަޝިއާ ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ޝާޢިއު ކޮށްފައިވާ ލިޔެކިއުންތަކުން ދައްކައިފިއެވެ.
ޕުޓިން ބޭނުންފުޅު ވެވަޑައިގެންފިނަމަ، 2036 ވަނަ އަހަރުގެ ނިޔަލަށް ރަޝިއާގެ ވެރިކަމުގައި ދެމިހުރުމުގެ ފުރުސަތު ލިބިދޭ މި ގާނޫނަކީ، ފާއިތުވެދިޔަ އަހަރު، ރަޝިއާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އޭނާ އިއުލާން ކުރެއްވި އިސްލާހީ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ބައެކެވެ.
މީގެ ކުރިން ޕުޓިންވަނީ، ރަޝިއާގެ ކުރީގެ ރައީސުންނަށާއި އާއިލާއަށް، އުމުރަށް ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ގާނޫނުވެސް ތަސްދީގު ކުރައްވާފައެވެ.
މި ގާނޫނުގައިވާގޮތުން، ރަޝިއާގެ ކުރީގެ ހުރިހާ ރައީސުންނަށްވެސް އަދި ރައީސުންގެ އާއިލާގެ މެމްބަރަކުވެސް، ދުނިޔޭގައި ހުއްޓާ ކުރާ އެއްވެސް ކުށަކަށް އެގައުމުގައި ދައުވާވެސް ނުކުރެވޭނެއެވެ. އަދި މީގެ އިތުރުން ދައުރު ހަމަކޮށް މަގާމުން ވަކިވާ ދުވަހުން ފެށިގެން، ކުރީގެ ރައީސެއްކަމުގައި ވާނަމަ، އެމީހަކު، އުމުރު ދުވަހަށް، ވެގެން ދާނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގޭ ސެނެޓަރއަކަށެވެ.
މިގާނޫނަކީވެސް، ރަޝިއާގެ ރައީސް ފާއިތުވެދިޔަ އަހަރު ކުރެއްވި، ރަޝިޔާގެ ސިޔާސީ ނިޒާމަށް ގެންނެވުމަށް ނިންމަވާފައިވާ “އިސްލާހީ ބަދަލު”ތަކުގެ ތެރޭގައި ހިމެނޭ ގާނޫނެކެވެ.
މިގާނޫނަކީ، ރަޝިއާގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ރަޝިއާގެ އާންމު ރައްޔިތުންގެ މެދުގައި ވޯޓުލައިގެން، ރައްޔިތުންގެ ރުހުމާއެކު، އެގައުމުގެ ގާނޫނު އަސާސީއަށް ގެނައުމަށް ޕުޓިން ނިންމަވާފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ގާނޫނެއްވެސް މެއެވެ.
ރަޝިއާގެ ގާނޫނު އަސާސީއަށް ގެންނަ މިބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން 2036ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ދެމިހުރުމުގެ ފުރުސަތު ޕުޓިންއަށް ލިބިގެން ދެއެވެ. މި ބަދަލުތަކާ ނުލާ، ރަޝިއާގެ ގާނޫނު އަސާސީގައި ވާގޮތުން، ޕުޓިންއަށް ވެރިކަމުގައި ހުރެވޭނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.
ރަޝިއާގެ ގާނޫނު އަސާސީއަށް ޕުޓިން މިހާރު މިގެންނަމުންދާ ބަދަލުތަކުން، މިހާރު ފުރުއްވަމުން ގެންދަވާ ދައުރު ފުރިހަމަ ވުމަށްފަހުން، ދެން ހައްދަވާނެ ގޮތެއްގެ ކޮންމެވެސް ވަރެއްގެ މަންޒަރެއް ފެނިގެންދާ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. ޕުޓިން މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ، ޖެހިޖެހިގެން ފުރައްވަމުން ގެންދަވާ ދެވަނަ ދައުރެވެ. އަދި އޭނާ ރަޝިޔާގެ ވެރިކަމުގައި ހުންނަވާ 4 ވަނަ ދައުރުވެސް މެއެވެ.
ރަޝިއާގެ ގާނޫނުތަކުގައި މިހާރުވެސް ވާގޮތުން، ވެރިކަމުގެ ދައުރުގައި ކޮށްފައިވާ ކުށަކަށް މިހާރުވެސް ކުރީގެ ރައީސެއްގެ މައްޗަށް އެގައުމުގައި ދައުވާއެއް ނުކުރެވެއެވެ. އެހެންނަމަވެސް، ޕުޓިން ކުރިން ސޮއި ކުރެއްވި އާ ގާނޫނުގައި ވާގޮތުން، ކުރީގެ ރައީސެއް ކަމަށް ވާނަމަ، އޭނާ ކުރާ އެއްވެސް ކުށަކަށް ދުނިޔޭގެ ހުއްޓަސް ނެތަސް ދައުވާއެއް ނުކުރެވޭނެއެވެ. އަދި، ވެރިކަމުގައި ހުއްޓަސް ނެތަސް، ކުރީގެ ރައީސަކު ހައްޔަރުކުރުން، ދިރި އުޅޭ ތަނެއް ބަލާ ފާސްކުރުން، ސުވާލުކުރުން އަދި އެއްވެސް ބާވަތެއްގެ ދައުވާއެއް އޭނާގެ މައްޗަށް ކުރުމަކީވެސް މަނާ ކަމެކެވެ.
މިގާނޫގައި ވާގޮތުން، ކުރީގެ ރައީސަކަށް މިގާނޫނުން ލިބޭ އެއްވެސް އިނާޔަތެއް އަބުރާ ގެންދިއުމަކީވެސް އުދަގޫ ކަމަކަށް ހަދާފައިވެއެވެ.
މިގޮތުން މިގާނޫނުގައި ވާގޮތުން، ކުރީގެ ރައީސަކަށް ލިބޭ އެއްވެސް އިނާޔަތެއް އަބުރާ ގެންދެވޭނީ، އާދަޔާ ޚިލާފު ބޮޑު ކުށެއް ކޮށްގެން، އެކަމުގެ ތުހުމަތުގައި، ގާނޫނު ހަދާ މަޖިލީހުގެ ދަށު ގެއިން ފާސްކޮށްގެން، އަދި މީގެއިތުރުން އެ މައްސަލަ މަތީ ގޭގެ ބޮޑު އަޢުލަބިއްޔަތަކާއެކު ފާސްކޮށްފިނަމަ އެވެ.
ރަޝިއާގެ ރައީސް ސޮއިކޮށްފައިވާ އިތުރު ގާނޫނުތަކުގައި ވާގޮތުން، ރަޝިއާގެ ފެޑެރަލް ކައުންސިލަށާއި، ގާނޫނު ހަދާ މަޖިލީހުގެ މަތި ގެއަށް 30 ސެނެޓަރުން އައްޔަން ކުރުމުގެ ފުރުސަތު ޕުޓިންއަށް ލިބިގެން ދެއެވެ. އަދި މީގެ އިތުރުން، ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު، އަމިއްލަފުޅަށް ފެޑެރަލް ކައުންސިލްގައި އިންނެވުމުގެ ފުރުސަތުވެސް ޕުޓިންއަށް ލިބިގެން ދެއެވެ.
ފާއިތުވެދިޔަ އަހަރު، ރަޝިއާގެ ގާނޫނު ހަދާ މަޖލީހުގެ ދަށުގެ، ސްޓޭޓް ޑޫމާއިން ވަނީ މީގެ އިތުރުންވެސް އިތރު ގާނޫނެއް ފާސްކުރުމަށް ވޯޓު ދީފައެވެ. ދަށުގެއިން މި ގާނޫނު ފާސްވެގެން ދިއުމާއެކު، ރަޝިއާގެ ޝަރުއީ ދާއިރާގައާއި، ސަލާމަތީ ޚިދުމަތްތަކުގައާއި، ރެގިއުލޭޓްރީ އަދި އަސްކަރިއްޔާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހުރިހާ މައުލޫމާތެއް ކަޑައެޅިގެންދާނީ ސިއްރު މައުލޫމާތުތަކުގެ ގޮތުގައެވެ.
ފާއިތުވެދިޔަ އަހަރު، މިގާނޫނުތައް ފާސްކޮށް، ގާނޫނުތަކުގައި ޕުޓިން ސޮއިކުރައްވާފައި ވަނީ، ރަޝިއާގެ އިދިކޮޅު ލީޑަރު، ނަވާލްނީ، އޭނާ މަރާލަން މަސައްކަތްކުރި، ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސްގެ ސެކިއުރިޓީ އޭޖެންޓުންނަށް ފޯނުކޮށް އޭނާ މަރާލަން ރާވާފައިވާ ރޭވުމުގެ މައުލޫމާތު ހޯދާފައިވާ ކަމަށް ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ. ނަވާލްނީ މަރާލުމަށް ދެވުނު ވިހައިގެ ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުގައި ހުންނެވުމަށްފަހު، އެބުރި ގައުމަށް ވަޑައިގަތުމާއެކު، ޕުޓިންވަނީ އޭނާ ހައްޔަރު ޖަލަށް ލާފައެވެ. އަދި މިހާރު ނަވާލްނީ ގެންދަވަނީ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މީގެ ކުރިން ނަވާލަނީ ވަނީ ސެކިއިރިޓީ އޭޖެންޓުގެ ފޯނު ނަމްބަރާއި އަދި އެޑްރެސްވެސް އާންމުކޮށް ފެންނާނެހެން ޕަބްލިޝް ކޮށްފައެވެ. އެހެންނަމަވެސް، ޕުޓިން ސޮއިކުރއްވާ ތަސްދީގު ކޮށްފައިވާ ގާނޫނުތަކުން، މި މައުލޫމާތު ހާމަކުރުން ވެގެންދާނީގާނޫނީ ކުށަކަށެވެ.
ކޮމެންޓު ފޮނުވާ