ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ރައްޔިތުންގެ ޚިޔާލާއިއެއްގޮތަށް ކުރިއަށް ގެންދިއުމަށް އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަކުންވެސް ވާދަކުރެއެވެ. އިންތިޚާބުގައި ރައީސް މައުމޫންގެ އެމްއާރުއެމްއިންވެސް ވަނީ ބައެއް ދާއިރާތަކަށް ކުރިމަތިލާފައެވެ. ރައީސް މައުމޫން ވަނީ ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަދި ބައިވެރިވުން ކަށަވަރު ކޮށްދިނުމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް.އާރް.އެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައްޔިތުން ބާރުވެރި ކުރުމުގައި އިސްކުރަންޖެހޭނީ ރައްޔިތުންގެ މަޞްލަހަތެވެ. ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަދި ބައިވެރިވުން ކަށަވަރު ކޮށްދިނުމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް.އާރް.އެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ.
– ރައީސް މައުމޫން ވިދާޅުވިއެވެ.
އެމްއާރުއެމްގެ ޓިކެޓުގައި ކުރިމަތިލާފައިވަނީ ނިސްބަތުން މެދު ކެނޑިޑޭޓުންތަކެއް ކަމަށްވިޔަސް އެޕާޓީން ދަނީ އެޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ