ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިޚްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް ދިވެހިންގެ އައިޑެންޓިޓީ ގެއްލުމުގެ މަގުމަތީގައި އޮތްކަމަށާއި، ނަމަވެސް ޤައުމިއްޔަތާއި ދިވެހި ބަހަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މުހިއްމު މަސައްކަތްތަކެއް މިހާރު ފެއްޓިފައިވާކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ތާރީޚް ދިރާސާކުރުމާއި ސަޤާފީ ކަންކަން އާލާކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ޤައުމިއްޔަތާ ގުޅިފައިވާ މި ހުރިހާ ކަމަކާ އެންމެ ބޮޑަށް ގުޅިލާމެހިފައިވަނީ އިޚްތިރާމް އަދާކުރުމުގެ ސިފަކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖެއަށް ސިޔާސީ އޮއެވަރު ވަރުގަދަވި ހިސާބުން ފެށިގެން މުޖުތަމަޢުގެ ތެރެއިން އެ ސިފަ ގެއްލެމުންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކުރިން ވިއްޔާ އަވައްޓެރިންނަށްވެސް އިޚުތިރާމް ކުރާނެ. އަމުދުން ބޮޑެތި މީހުންނަށް އިޚުތިރާމް ކުރާނެ. އެއްބަޔަކު އަނެއްބަޔަކާ މެދު އަޚުލާޤީ މިންގަނޑު ހިފަހައްޓާނެ. ނަމަވެސް ސިޔާސީ އޮއެވަރު ވަރުގަދަވަމުން އައިސް މޫލަމުން ދިޔަ ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި އިޚުތިރާމް އަދާކުރުން މިއޮތީ ނެތިގެން ގޮއްސަ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ފެއްޓެވުމަށް ނިންމަވާފައިވާ މި ކެމްޕެއިނަކީ ބޮޑު މަސައްކަތެއް ނަމަވެސް، އެންމެންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާނެ ކެމްޕެއިނެކެވެ. ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ ބައިވެރިވުން މި ކެމްޕެއިންގައި ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މީގެ ކުރިން އެކިއެކި ދާއިރާތަކުގައި ޚިދުމަތްކުރައްވާފައިވާ އިސްރަށްވެހިންގެ އެއްބާރުލުންވެސް ބޭނުންވާކަމަށާއި، މިހާރުވެސް އެ ބޭފުޅުންގެ އެހީތެރިކަން ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އާދައިގެ ކަމެއްގެ ގޮތުގައި ސިފަވެދާނެ. ނަމަވެސް މިއީ ބޮޑު މައްސަލައެއް. އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިމާޔަތްކުރާނަމަ އެބަޖެހޭ އަލުން އިޚުތިރާމް އަދާކުރާ ބަޔަކަށްވާން. އެންމެން މިކަމުގައި ޒިންމާ އަދާކުރަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
ސިޔާސީ ގޮތުން އުފެދުނު އޮއެވަރެއްގެ ތެރެއިން މި ސިފަ ގެއްލިފައިވުމުން، ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންވެސް މި ކެމްޕެއިންގައި ޢަމަލީގޮތުން ބައިވެރިވުމަށް ރައީސް ގޮވާލެއްވިއެވެ. ސިޔާސީ ވުމުގެ މާނައަކީ އިޚްތިރާމް އަދާކުރުން ހުއްޓާލުން ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސަޤާފަތް ދިރުވާ އާލާކުރުމާއި ދިވެހި ބަސް ކުރިއެރުވުމުގެ މަޝްރޫޢުތަކުގެ އިތުރުން، މިހާތަނަށް އަޅާނުލެވި ދޫކޮށްލެވިފައި ހުރި ޤައުމިއްޔަތުގެ ބަހާތަކަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ވަށާޖެހޭ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށެވެ. މި ކެމްޕެއިން ފެއްޓެވުމުގެ މަޝްވަރާތަކާއި ތައްޔާރީތައް މިހާރު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ