މާލެ އާއި އަތޮޅުތެރޭގައި ހުރި އިސްލާމީ ބޮޑެތި ބިނާތައް ނުހުޅުވިގެ އުޅެނީ ސަރުކާރަށް ކޮންފަދަ ދަތިކަމެއް ކުރިމަތިވެގެންތޯ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލު ކުރައްވައިފިއެވެ.
ޑރ.ޝަހީމް މިފަދަ ސުވާލެއް ކުރިމަތި ކުރައްވާފައިވަނީ، ސައުދީ ސަރުކާރުން ރާއްޖޭގައި ގާއިމްކުރެއްވި ސަލްމާން މިސްކިތާއި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ކުރީ ސަރުކާރުން ބިނާ ކުރަން ފެއްޓި އިސްލާމީ މަރުކަޒު ނުހުޅުވި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.
ޑރ.ޝަހީމް ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގައިހުރި އިސްލާމީ މިފަދަ ބޮޑު ބިނާތައް ބޭނުން ނުކުރެވި ވީރާނާ ވެދާނެތީ މިއަދު މާބޮޑަށް ކަންބޮޑުވާކަމަށެވެ. މިތަންތަން ނުހުޅުވިގެން އުޅެނީ ސަރުކާރަށް ކޮންފަދަ ދަތިކަމެއް ހުރެގެންތޯ ޑރ.ޝަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.
މާލެއާއި ރާއްޖޭގެ އެހެން ބައެއް ސަރަޙައްދުތަކުގައި ޤާއިމު ކުރެވިފައިވާ އިސްލާމީ މަރުކަޒުތައް ހުޅުވައި ޚިދުމަތް ނުދެވިގެން އުޅެނީ ކޮންފަދަ ދަތި ތަކެއް ހުރެގެންތޯ؟ އެކަންކަން ޙައްލުކޮށްދިނުމުގައި އަޅުގަނޑުމެން މިތިބީ އެހީތެރިވުމަށް ތައްޔާރަށް. އަގުހުރި އިސްލާމީ ކިއްލާތައް ވީރާނާވެގެން ދިއުމަކީ އެންމެނަށް ލިބޭނެ ދެރައެއް.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ސަރުކާރުންވަނީ ކިންގް ސަލްމާން މިސްކިތްވެސް މިއަހަރުގެ ކުރީ ކޮޅުގައާއި، މެދެތެރޭގައި ހުޅުވެނޭނެކަމަށް ވިދާޅުވެ އެކިއެކި ތާރީހު ދެއްވާފައެވެ. އަދި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ރޯދަޔަށް ހުޅުވޭތޯ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ ސަލްމާން މިސްކިތުގެ މަސައްކަތް އަދިވެސް ނުނިމޭތީ ރޯދަމަހުވެސް ބޭނުން ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ކުރީ ސަރުކާރުން ބިނާ ކުރަން ފެއްޓި އިސްލާމީ މަރުކަޒު އެއްކޮށް ނިމުނުތާ 1 އަހަރާއި 4 މަސް ވީއިރުވެސް މިއަދާއި ހަމަޔަށް އެ މަރުކަޒުވެސް ނުހުޅުވައި ހުރީ ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ