މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުން އަންނަ އާދިއްތަދުވަހުގެރޭ 20:30 ގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރި މަތީގައެވެ. އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓެއްގެ މަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ޙަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ. ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޚަރަދު ދޫކުރާނީވެސް އެއިދާރާއިންނެވެ.
މިއަހަރުގެ ޝައުބާންމަހުގެ 29 ވަނަދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢްބާން 1442 (11 އޭޕްރީލް 2021) ވާ އާދިއްތަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ 1 ވަނަދުވަހަކީ މިމަހުގެ 13 ވާ އަންގާރަދުވަހެވެ.
ކޮމެންޓު ފޮނުވާ