މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެބޮޑު ފަސް މައްސަލަ ފާހަގަކޮށް، އޭގެ މައްޗަށް އެމްޑީޕީގެ ކައުންސިލް އިންތިޚާބު މާލެ ސިޓީ މެނިފެސްޓޯ ނެރެފިއެވެ.
މި މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމަކީވެސް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބުގެ ދުވަސް ވަރުގައިވެސް އެމްޑީޕީން ވައުދު ވެފައިވާ ކަންކަމެެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ކަންކަން ހާސިލް ވެފައިނުވާާއިރު ކައުންސިލް އިންތިޚާބަށް އެމްޑީޕީން ނިކުންނަނީ މިކަންކަން ހާސިލް ކުރުމަށް މުޅިން އާ އަޒުމަކާއި އެކުގައެވެ.

މި މެނިފެސްޓޯގައި އެމްޑީޕީގެ ރައީސް ނަޝީދުގެ ބަސްކޮޅަކާއި، ރައީސް ޞާލިހުގެ ޅެމެއްވެސް ހިމަނާފައިވެއެވެ. މި މެނިފެސްޓޯ މައިގަނޑުގައޮތެއްގައި އަމާޒުކޮށްފައިވާ ފަސް ދާއިރާއަކީ ބޯހިޔާވަހިކަމާއި، އާންމު ބަސް ދަތުރާއި، ވަޒީފާ ވިއުގަ ކުރުމާއި، އިޖުތިމާއީ ހިދުމަތާއި އަދަބު ލުއިކުރުމުގެ އިތުުރުން މިލި އުޅެވޭ ދިރިއުޅުމެވެ.
ބޯހިޔާވަހިކަން:
ބަދިގެއާއި، ކާގެ، ފެންޑާއާއި، ކޮޓަރި އެއްތަންވެ، 250 އަކަފޫޓުގެ ތެރެއަށް ދިރިއުޅުން ކުރުގެޅިފައިވާ 17،000 ޢާއިލާ މާލޭގައި ވެއެވެ. މީގެތެރެއިން ދިގުމުއްދަތުން ދައްކާ ޚަލާސްކުރާ މަގުންވެސް ބޯހިޔާވަހިކަމެއް މިލްކުކުރުމުގެ ޤާބިލުކަން ނެތް 3000 ޢާއިލާގެ ބޯހިޔާވަހިކަމަށް މާލޭ ސިޓީ
ކައުންސިލް ޖާމިނުވެ، އެފަރާތްތަކަށް ކައުންސިލް ހައުސިންގް ފޯރުކޮށްދެވޭނެކަމަށް މެނިފެސްޓޯގައިވެއެވެ. އަދި އެއީ މަހަކު 6،400 ރުފިޔާއަށްވުރެއް އިތުރު ނުވާނެ ކުލީގައިކަމަށް ބުނެފައިވެއެވެ.
މާލޭގައި އިޖުތިމާޢީ ބޯހިޔާވަހިކަން ދޫކުރާނެ ހަމަތަކާއި، ޝަރުތުތައް އެކަށައެޅާނެކަމަށާއި، ރަތްދަކާ އަވީގައި ކިތަންމެ އިރަކު ކިއު ޖެހެން ނުޖެހި، އަލުން ބަލުން ގިނަ ލިޔެކިޔުން ހުށަހަޅާން ނުޖެހި ސިޓީ ކައުންސިލުން ބަލަހައްޓާ ޕޯޓަލް މެދުވެރިކޮށް، ފަސޭހަކަމާއެކު ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެކަމަށާއި، އިތުރު 10،000 ބޯހިޔާވަހިކަމުގެ ޔުނިޓު މާލޭ ސަރަޙައްދުގައި ޤާއިމުކޮށް، ކައުންސިލް ހައުސިންގްގެ އިތުރުން 32،000 ރުފިޔާގެ އާމްދަނީއެއް ލިބޭ 4000 ޢާއިލާ އަދި 32،000 އާއި 6،400 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ 5600 ޢާއިލާއަށް މި 10،000 ޔުނިޓުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަމަށް ބުނެފައިވެއެވެ.
އާންމު ބަސް ދަތުރު:
އެމްޑީޕީ މެނިފެސްޓޯގައި ކާރޫ ބާރޫ ބޮޑު މާލޭގެ އުޅަނދުތަކުގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ބައެއް ކަންކަން ވަނީ ހިމަނާފައެވެ. އެގޮތުން ސްކޫލް ބަހާއެކު، އާންމު ބަސް ދަތުރުފަތުރުގެ ހިދުމަތް ތައާރަފު ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އަދި ޓެކްސީ ހުއްޓުމަށާއި މުދާ އަރުވައި ބޭލުމަށް ހާއްސަ ވަގުތާއި ސަރަހައްދުތައް ކަނޑައެޅޭނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ.
އޭގެ އިތުރުން ތިމާވެއްޓާ ރަށްޓެހި ބެޓްރީ އުޅަނދު އަދި ބައިސްކަލް ދުއްވުމަށް ހިތްވަރުދީ، އެކަމަށް މަގުފަހި ކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ. އަދި މަލޭގެ މަގުތަކަށް އުޅަނދުފަހަރު ތަކާނެ މިންވަރު (ވެހިކަލް ކެރީން ކެޕޭސިޓީ) ކަނޑައެޅި، ތަންފީޒު ކުރެވޭނެ ކަމަށްވެސް އެމްޑީޕީގެ އެއް ސަފްހާގެ މެނިފެސްޓޯގައި ބުނެއެވެ.
އެމްޑިޕީން މިފަހަރު އާންމު ބަސްދަތުރު މެނިފެސްޓޯގައި ހިމެނި އިރު، އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައިވެސް މާލޭގައި އާންމު ބަސް ދަތުރުތައް ތައާރަފު ކުރިއެވެެ. ނަމަވެސް ފަހުން އެ ދަތުރުތައް ކުރިއަށް ނުގެންދެވި ހުއްޓުނެވެ.
ވަޒީފާ ވިއުގަކުރުން:
ވަޒީފާ ބޭނުންވާ ޒުވާނުންގެ ބޭނުމަށް ކޮންމެ ދާއިރާއެއްގައި ޖޮބް ސެންޓަރުތައް ގައިމްކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އެ ޖޮބް ސެންޓަރުގައި މަގްސަދަކީ ވަޒީފާއާއި ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާއަށް އެދޭ މީހުންގެ ބމައުލޫމާތުތައް އެއްކޮށް ބަލަހައްޓައި، ހުސް ވަޒީފާއި ވަޒީފާ ނެތް މީހުން ގުޅުވައި ދިނުމެވެ. ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންދޭ އިނާޔަތް ފޯރުކޮށްދެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ.

އިޖުތިމާއީ ހިދުމަތާއި އަދަބު ލުއިކުރުން:
އެމްޑީޕީން މިފަހަރު ހުށަހަޅަނީ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުން ތައާރަފުކުރެވޭ އިޖުތިމާއީ ހިދުމަތުން އަދަބު ލުއިކޮށްދޭނޭ އާ ފުރުސަތެއް ފަހިކޮށްދިނުމުގެ ނިޒާމެކެވެ. އަދި އެއީ ޕެރޯލް ހަލުވިކޮށް، ޕްރޮބޭޝަން ބެލެހެއްޓުންތެރިކަމުގެ ނިޒާމެއް ކަމަށް މެނިފެސްޓޯގައި ބުނެ އެވެ.
މިލިއުޅެވޭ ދިރިއުޅުން:
ގާތްތިމާގެކަމާއި އެކުއުޅުމުގެ ގުޅުންތަކަށް ފަހި ދިރޭ މުޖްތަމައުއެއް ބިނާކުރުމުގެ މައްޗަށް ރޭވުންތައް ރޭވޭނެ ކަމަށް މެނިފެސްޓޯގައި ބުނެ އެވެ. އެގޮތުން އެކަކު އަނެކަކަށް އަޅާލައި، އެކި މިޒާޖުގެ އެކި އުމުރުފުރައިގެ ދެ ޖިންސުންގެ އެންމެން ހިތްފަސޭހަ ކަމާއެކު އެކުގައި އުޅެވޭނެ އުފާވެރި ވެއްޓެއް ގައިމް ކުރުވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި އެންމެންނަށް ހެލިފެލިވެ، ހީނސަމާސާކޮށް އުޅެވޭނެ އުފާވެރި މައިޒާންތައްވެސް ބިނާ ކުރެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެއެވެ.
އޭގެ އިތުރުން މިއުޒިކާއި މުނިފޫހިފިލުވުމާއި ހުނަރުން ކުރިއަރައިދާ އުފެއްދުންތެރި ޒުވާން ޖީލަކަށް ބޭނުންވާ ފަންނުވެރިކަމުގެ އާލާތާއި ވަސީލަތް ގައިމުކުރުމަށްވެސް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ