ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 01:52
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބަނގުރާ އާއި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ރޭ ދަންވަރު ހުޅުމާލޭގައި ޕެޓްރޯލް ކުރަމުން ދިޔައިރު މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު 12 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 26 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައި ވެއެވެ.

އޭގެ އިތުރުން، މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުންދާ މުދާ އުފުލާ ދޯންޏަކުން އެ އަތޮޅު ކުޑަފަރީއަށާއި ޅޮއްސަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އެޕްރީލް މަހުގެ 1 ވަނަ ދުވަހު އިންޓެލިޖެންސާއި މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާ ކުޑަފަރީ ޕޮލިސް އަދި ޅޮހީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ދޯނި ކުޑަފަރީ ބަނދަރާ ގާތްކުރި ވަގުތު އެ ދޯނިން ބޭލި ކޮތަޅެއް ބަލައި ފާސްކުރިއިރު  މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެރަށު ބަނދަރުމަތިން 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑއަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން، އެ ދޯނިން އެ އަތޮޅު ޅޮއްސަށް ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ރ. އިނގުރައިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދަތުރުކުރަމުންދާ ދޯންޏަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އެޕްރީލް މަހުގެ 1 ވަނަ ދުވަހު އިންޓެލިޖެންސާއި އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެރަށު ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.